17 Sep 2015, 09:51
ވަގަޑޫގޫ (ސެޕްޓެމްބަރު 17): ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ބުރުކީނާ ފާސޯގެ ރައީސް މިޝޭލް ކަފަންޑޫ އާއި އޭނާގެ ސަރުކާރުގެ ބޮޑުވަޒީރު އިސްޙާގް ޒީދާ ހައްޔަރުކޮށްފި އެވެ.
މިކަންކޮށްފައި ވަނީ ބުރުކީނާ ފާސޯގެ ރިޔާސީ ގާޑުންގެ ތެރޭގައި ހިމެނޭ އެގައުމުގެ ކުރީގެ ރައީސް ބެލޭޒް ކަންބައުރީ އަށް ވަފާތެރި ގްރޫޕަކުންކަމަށް ޚަބަރުލިބެއެވެ.
ވެރިރަށް ވަގަޑޫގޫ އިން ލިބޭ ޚަބަރުތައް ބުނާގޮތުން ބުރުކީނާ ފާސޯގެ ރިޔާސީ ގާޑުންގެ ގްރޫޕަކުން ރައީސް ކަފަންޑޫއާއި ބޮޑުވަޒީރު އިސްޙާގާއި އިތުރު ވަޒީރަކު ހައްޔަރުކޮށްފައިވަނީ ރިޔާސީ ގަނޑުވަރުގައި ކުރިޔަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް އެގްރޫޕުން ވަދެގަނެގެންނެވެ.
ބައިނަލްއަގްވާމީ މުޖްތަމައުންވަނީ މިއީ އެބޭފުޅުން ރަހީނުކުރުމުގެ އަމަލެއްކަމަށް ސިފަކޮށްފައެވެ.
އދ. އާއި ވިލާތުގެ އިއްތިޙާދާ އަދި އެފްރިކާގެ އިއްތިޙާދުންވަނީ ހައްޔަރުކޮށްފައިވާ ރައީސް މިޝޭލް ކަފަންޑޫ އާއި އޭނާގެ ސަރުކާރުގެ އަނެއް ދެބޭފުޅުންވެސް މިނިވަން ކުރުމަށް ގޮވާލާފައެވެ.
ދެހާސް ސާދަ ވަނަ އަހަރު ކުރީގެ ރައީސް ބެލޭޒް ކަންބައުރީ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުން އޭނާއާ ދެކޮޅަށް ތެދުވުމާގުޅިގެންނެވެ. އެއަށްފަހު ޑިމޮކްރެޓިކް ވެރިކަމެއް އުފެއްދުމަށްޓަކައި ބުރުކީނާ ފާސޯގައިވަނީ އިންތިގާލީ ސަރުކާރެއް އެކުލަވާލާފައެވެ. ރައީސް މިޝޭލް ކަފަންޑޫއަކީ އިންތިގާލީ ސަރުކާރުގެ ރައީސް އެވެ. (ރޮއިޓާސް)