ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގެ މެދުގެ ސަރަހައްދަށް 8.3 މެގްނިޓިއުޑްގެ ބާރު ގަދަ ބިން ހެލުމެއް އައުމުގެ ސަބަބުން ފަސް މީހަކު މަރުވެއްޖެ އެވެ.

އެ ބިންހެލުން އައިސްފައި ވަނީ ޗިލީގެ ވެރި ރަށް ގެންޓިއާގޯ 232 ކިލޯ މީޓަރު ދުރުން ހުޅަނގު އުތުރުންނެވެ.

ބިންހެލުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޗިލީގެ މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ޕަބްލިކް ސެކިއުރިޓީގެ އަންޑަސެކްރެޓަރީ މަހްމޫދު އަލުއޭ ޕެންޔާ ވިދާޅުވީ އެ ބިންހެލުމާ ގުޅިގެން ފަސް މީހަކު މަރުވެފައިވާ އިރު ބިންހެލުން އައި ހިސާބުގައިތިބި އެއް މިލިއަނަށް ވުރެ ގިނަ މީހުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އެސަރަހައްދުގައި ތިބި އެތައް ބަޔަކު މިހާރު އުސް ސަރަހައްދުތަކަށް ގެންގޮސްފައިވާ އިރު ބިންހެލުމާ ގުޅިގެން 15 އަށް ވުރެ ގިނަ މީހުންނަށް ޒަހަމް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިން ހެލުން އައި އެންމެ ކައިރި ސަރަހައްދު ކަމަށްވާ ކޮންކުއިންބޯ ސިޓީ އަށް 4.5 މީޓަރުގެ ރާޅެއް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާ އެކު ޓޮންގޯއި އަށް ދެ މީޓަރުގެ ރާޅުތަކެއް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗިލީ އަށް ބިންހެލުން އައިސްފައި ވަނީ އެގައުމުގެ ލޯކަލް ގަޑިން 1954 (ޖީއެމްޓީ: 2254)ގައި ކަމަށް ޔޫއެސް ޖިއޯލޮޖިކަލް ސާވޭ އިން ވަނީ ބުނެފަ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ އިލެޕެލް ސިޓީގެ ހުޅަނގުން 55 ކިލޯމީޓަރުގެ ދުރުން 10 ކިލޯ މީޓަރު އަޑީން ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުން ބިންހެލުމުގެ އަސަރު ވަނީ އާޖެންޓީނާގެ ޕްރޮވިންސް އެއް ކަމަށްވާ މެންޒޯޑާ އާއި ވެރި ރަށް ބުއޭނޯސް އެއިރެސް އަށްވެސް ކޮށްފައި ކަމަށެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އަސަރު ކުރާނެ ސަރަހައްދުތައް ވަނީ ރިޕޯޓުތަކުން ހާމަކޮށްފަ އެވެ.

ޗިލީއަށް 2010 ވަނަ އަހަރު އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވެއެވެ.