ޤާހިރާ : މިސްރުގެ ޤާނޫނު އަސާސީއަށް ދިމުޤްރާތީ އިސްލާޙީ ބަދަލުތަކެއް ގެނައުމަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމުން ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަކުން އެއިސްލާޙްތަކަށް އާ ބަސް ބުނެފިއެވެ.

ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށް އާއެކޭ ބުނެފައިވަނީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 77.2 % މީހުންނެވެ. މިވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މިސްރުގެ 45 މިލިޔަން މީހުންގެ ތެރެއިން 18.5 މިލިޔަން މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ ރައްޔިތުންގެ 41،2 % ކަމަށް މިވޯޓުގެ ކަންތައްތައް އިންތިޒާމްކުރި މިސްރުގެ ޝަރްޢީ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީން ބުނެއެވެ.

މިއީ މިސްރުގެ މުޅި ތާރީޚުގައިވެސް ދިމުޤްރާތީ ވެއްޓެއްގައި ސަރުކާރުގެ އެއްވެސް ފިއްތުމެއް، ނުފޫޒެއްނެތި ބޭއްވި ފުރަތަމަ ވޯޓެެވެ. މީގެކުރިން މިސްރުގައި ނަގާކޮންމެ ވޯޓަކީ އަދި ބައްވާ ކޮންމެ އިންތިޚާބަކީ ވެސް ސަރުކާރު ބޭނުންވާ ނަތީޖާ ނެރޭގޮތަށް މަކަރުވެރި ރޭވުންތަކެއްގެ ދަށުން ބާއްވާ އިންތިޚާބުތަކެއް ކަމަށް މިސްރުގެ ނޫސްތައް ބުނެއެވެ.
މިސްރުގެ ޤާނޫނު އަސާސީ ނުވަތަ ދަސްތޫރަށް ގެނަސްފައިވާ ދިމުޤްރާތީ އިސްލާޙްތަކުގެ ތެރޭގައި ރިޔާސީ ދައުރު ހަ އަހަރުގެ ބަދަލުގައި 4 އަހަރަށް ކުޑަކުރުމާއި ދެދައުރަށްވުރެ ގިނައިން އެއްވެސް މީހަކަށް ރައީސް ކަމުގެ މަޤާމަށް ކުރިމަތި ނުލެވޭ ގޮތް ހިމެނިފައިވެއެވެ.

މިސްރުގައި މުޅިން އާ ޤާނޫނު އަސާސީއެއް އެކުލަވާލުމަށް ބައެއް ސިޔާސީ ފަރާތްތަކުން ބޭނުންވިއިރު އަނެއްބައި ފަރާތްތަކުން ބޭނުންވީ މިހާރުގެ ޤާނޫނު އަސާސީއަށް ދިމުޤްރާތީ އިސްލާހްތައް ގެނައުމެވެ.

އެންމެ ފަހުން ނިންމީ އިސްލާހް ކުރެވުނު ޤާނޫނީ އަސާސީއަށް ރައްޔިތުންގެ 50% ތާއީދު ނުލިބިއްޖެނަމަ އަލުން ޤާނޫނު އަސާސީއެއް އެކުލަވާލުމަށެވެ.

މިކަމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ 77.2 % ތާއީދު ލިބުނީ އިސްލާޙް ކުރެވިފައިވާ ޤާނޫނު އަސާސީ ޤަބޫލުކުރުމަށެވެ. (އަލްޖަޒީރާ)