17 Sep 2015, 09:36
ސެންޓިޔާގޯ (ސެޕްޓެމްބަރު 17): ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ޗިލީއަށް ރެކްޓަރ މިންގަނޑުން 8.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުން މިބިންހެލުމުގެ މަރުކަޒު ހުރީ ޗިލީގެ އައްސޭރިފަށާ ގުޅިފައިވާ އާކްޓިކް ކަނޑުގެ އަޑިން 10 މޭލު ފުނުގައެވެ. ކަނޑުގެ މިހިސާބަކީ ޗިލީގެ ސިޓީއެއް ކަމަށްވާ އިލަޕެލްޔާގެ ހުޅަނގުން 55 މޭލު ހުޅަގުގައިވާ ހިސާބެކެވެ. މިބިންހެލުމުގެ ސަބަބުން ޗިލީގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށްވަނީ ބޮޑެތި ރާޅުތަކެއް އަރާފައެވެ. މިއީ މިބިންހެލުމާގުޅިގެން އުފެދުނު ސުނާމީ ބޮޑުރާޅުތަކެއްގެ ބައެއްކަމަށްވަނީ ބެލެވިފައެވެ. މިބިންހެލުމާގުޅިގެން ސުނާމީ ބޮޑުރާޅުތަކެއް އުފެދިދާނެކަމުގެ އިންޒާރު ޕެސިފިކް ސަރަހައްދުގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ވަނީ ދީފައެވެ.
މި ބިންހެލުމުގެ ސަބަބުން ޗިލީގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ކޯކިމްބޯގެ ބައެއް އިމާރާތްތަކަށްވަނީ ގެއްލުންތައް ލިބިފައެވެ. އަދި ބައެއްމީހުން މަރުވިކަމުގެ ރިޕޯޓްތަކެއްވެސް ލިބިފައިވެއެވެ. ޗިލީ އަކީ ބިންހެލުން ވަރަށް ގިނައިން އަންނަ ގައުމެކެވެ. މިގޮތުން 2010 ވަނަ އަހަރު އެގައުމަށް އައި ބާރުގަދަ ބިންހެލުމެއްގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެފައިވެއެވެ. (ރޮއިޓާސް)