17 Sep 2015, 09:28
އަންނަ ހަފްތާއަކީ އީދު ބަންދު ކަމަށްވާއިރު އެ ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ސަން އަށް މައުލޫމާތު ދިން ގޮތުގައި އަންނަ ހަފްތާގައި އުތުރާއި މެދު ރާއްޖެ ތެރެއަށާއި ދެކުނުން ލ. އަތޮޅާ ހިސާބަށް މޫސުން ދައްކަނީ ވަރަށް ވިއްސާރަކޮށެވެ. ލ. އަތޮޅުން ފެށިގެން ދެކުނަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ދައްކާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
"މުޅިން ކުލިއަރ އެއް ނޫން. ތަންކޮޅެއް ބަނަކޮށް ވިއްސާރަކޮށް ދައްކަނީ،" މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އަންނަ ހަފްތާގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 15 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވޭއިރު ދެކުނުގެ ސަރަހައްދުތަކަށް 8 މޭލާއި 10 މެއިލްގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އުތުރާއި މެދު ރާއްޖެތެރޭ ކަނޑުތައް ގަދަކަމަށް ދައްކާއިރު ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
އީދު ބަންދުގެގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖެހިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރުމަށް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.