17 Sep 2015, 09:21
އާންމު ތަންތަނުގައި އުޅޭއިރު އަޅަންޖެހޭ ގޮތަށް ރަނގަޅަށް ބުރުގާ ނާޅައިގެން އީރާނުގެ ކޯޓަކުން ދެ އަންހެނަކު 260 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.
އެގައުމުގެ ޖުޑީޝަލް އޮފިޝަލަކާ ހަވާލާދީ އީރާނުގެ ނޫހެއް ކަމަށްވާ އަރުމާންގައި ބުނެފައިވަނީ، ވޭތުވެދިޔަ ދުވަސްތަކުގައި ގޯސްކޮށް ބުރުގާ ނުވަތަ ހިޖާބު އަޅައިގެން ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ އަންހެނަކު ނުވަ މިލިއަން ރަޔަލްސް (260 ޑޮލަރު) ދެއްކުމަށް އިއްޔެ ހުކުމް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުގެ ގާނޫނު ބުނާގޮތުން، އާންމު ތަންތަނުގައި އުޅޭއިރު އީރާނުގެ އަންހެނުންގެ އިތުރުން ގައުމަށް ޒިޔާރަތްކުރާ އެހެން ގައުމުތަކުގެ އަންހެނުން ވެސް ބުރުގާ އަޅަންޖެހޭނެ އެވެ.
އެގައުމަށް 1979 ވަނަ އަހަރުން ގެނައި އިންގިލާބަށް ފަހު، ފާސްކުރި ގާނޫނުގައި ބުނާގޮތުން އާއްމުތަންތަނުގައި އުޅޭއިރު އީރާނުގެ ހުރިހާ އަންހެނުން ވެސް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބުރުގާ އަޅަންޖެހޭނެ އެވެ.
ނަމަވެސް، އީރާނުގެ ގިނަ ހިސާބުތަކުގައި ބޮލުގެ ބޮޑު ބައެއް ފެންނަ ގޮތަށް ދޫކޮށް ބުރުގާ އެޅުމާއި ބާރު ޖިންސާއި ހައި ހީލްސް ފަދަ ހުޅަނގުގެ ހެދުން އެޅުމުގެ ގޮތްތައް ގެންގުޅޭ އަންހެނުން ގިނަ އެވެ.
އިސްލާމީ އުސޫލުތަކާ އެގޮތަށް މީހުން އަމަލުކުރުވުމަށް ފުލުހުން ބާރު އަޅަމުންދާއިރު، މިމަހުގެ ކުރީކޮޅު އެގައުމުގެ ޗީފް އޮފް ޓްރެފިކް ޕޮލިހުން ވަނީ ރަނގަޅަށް ބުރުގާ ނާޅައި ނުވަތަ ބުރުގާ ނާޅައި ކާރު ދުއްވާ އަންހެނުންގެ ކާރުތައް ހިފެހެއްޓުމަށް ނިންމާފައެވެ.
އީރާނުގެ ގާނޫނު ބުނާގޮތުން އަންހެނެއްގެ ކާރެއް ހިފަހައްޓައިފިނަމަ އެ ކާރެއް ދޫކުރާނީ ކޯޓުގެ ހުއްދައަކަށްފަހު އެވެ.
މައުލޫމާތު: ނޫސް އެޖެންސީތައް