ވަގަށް ނަގައިފައި ވަނިކޮށް މ. މުލީ ޕޯސްޓް އޮފީހުގެ ތިޖޫރީ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މުލީ ޕޯސްޓް އޮފީހުން ފުލުހުންނަށް ކުރި ރިޕޯޓަަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިޖޫރި ފެނިފައިވަނީ ތިޖޫރީ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ވަދެ އުޅޭ އެރަށު ބަހާރީގޭ ގޯތިތެރޭގައި ހުރި ވެލިފުންޏެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ މިއަދު މެންދުރު ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ތިޖޫރީ ފެނުނުއިރު، ހުޅުވަން މަސައްކަތްކޮށް ތިޖޫރިއަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް ތިޖޫރި ހުޅުވިފައެއް ނުވެއެވެ. އަދި ޕޯސްޓް އޮފީހުގެ މުވައްޒަފުންގެ ހާޒިރުގައި ތިޖޫރި ހުޅުވާބެލިއިރު ތިޖޫރިން އެއްވެސް އެއްޗެއް މަދުވެފައިނުވާ ކަމަށް ޕޯސްޓް އޮފީހުން ވެސް ވަނީ ބުނެފަ އެވެ.

ތިޖޫރީގައި ހުރީ 2864.20 ރ. 37 ދިރާގު ޕްރީޕެއިޑް ކާޑާއި، 144 ވަތަނިއްޔާ ޕްރީޕެއިޑް ކާޑާއި، 1500 ރ. ރުފިޔާގެ ރީލޯޑް އަޅާފައިވާ ފޯނަކާއި، 1865 ރ. ގެ ރާސްޓަސް އަޅާފައިވާ ފޯނަކާއި ގިނަ ޢަދަދެއްގެ ސްޓޭމްޕެވެ.