ގަޑިއެއް ހަދައިގެން އެމެރިކާގެ ޓެކްސަސްގެ ސްކޫލަކަށް ގެންދިޔަ 14 އަހަރުގެ މުސްލިމު ކުއްޖަކު ގެންދިޔަ ގަޑިއަކީ ބޮމެއް ކަމަށް ތުހުމަތުކޮށް ފުލުހުން އެ ކުއްޖާ ހައްޔަރުކޮށްފި އެވެ.

އަހުމަދު މުހައްމަދުގެ އާއިލާ އިން ބުނީ، އަހުމަދު ހެދި ގަޑި ކްލާހަށް ގެންދިއުމުން، ޑެލަސްގައި އޭނާ ކިޔަވާ ހައި ސްކޫލުން ތިން ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ޑެލަސްގެ ނޫސްތަކުން ބުނީ، އެ ކުއްޖާއަކީ އަމިއްލަ އަށް ރޭޑިއޯ ހަދައި އަމިއްލަ ގޯކާޓް މަރާމާތުކޮށް ހަދާ ކުއްޖެއް ކަމަށެވެ. އަދި އާދީއްތަ ދުވަހު ނިދުމުގެ ކުރީން ވިއްސަކަށް މިނިޓް ހޭދަކޮށް، ގަޑިއެއް ހަދައި ސާކިޓް ބޯޑް ހަދައި އަދި ޕަވާ ސަޕްލައި އަޅައި އަދި ޑިޖިޓަލް ޑިސްޕްލޭ ހަދާފައިވާ ކަމަށެވެ.

ހޯމަ ދުވަހު އޭނާ ވަނީ އޭނާގެ އިންޖީނިއަރިން ޓީޗަރަށާއި އެ ނޫން ޓީޗަރަކަށް ގަޑި ދައްކައިފަ އެވެ. އަދި އޭނާގެ ޕެކް ޕެކްގައި އޮތް ދަބަހުން ވަނީ ރަނގަބީލުގެ އަޑުގޮވަން ފަށައިފަ އެވެ. އެއާ އެކު ޓީޗަރު ބުނީ އެ ގަޑި ވައްތަރީ ބޮމަކާ ކަމަށެވެ.

އެ އަށް ފަހު އަހުމަދު ކްލާހުން ނެރުނެވެ. އަދި ޕްރިންސިޕަލްގެ އަރިހަށް ހާޒިރު ކުރި އެވެ. އަދި އެ އަށް ފަހު ފުލުހުންގެ ސުވާލުތައް އޭނާ އަށް ކުރިމަތިވާން ފެށި އެވެ.

އޭގެ ފަހުން ސްކޫލް ހުންނަ ޑިސްޓްރިކުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން އަހުމަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަހުމަދު ބޮމެއް ހެދި ކަމަށް ތުހުމަތުކޮށް، ދައުވާ ކުރާނެތޯ އާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

އަހުމަދުގެ ބައްޕަ ނޫސްތަކަށް ބުނީ އަހުމަދު މަސައްކަތް ކުރީ ރަނގަޅު އެއްޗެއް އުފެއްދުމަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ މައްސަލައަކީ އޭނާގެ ދަރިފުޅަށް މުހައްމަދު ކިޔާތީ ކަމަށާއި އަދި އެ ނަމާއި ސެޕްޓެމްބަރު 11ގެ ހާދިސާއާ ގުޅޭތީ ކަމަށެވެ.