ޕްރެޒިޑެންޓް ކަޕްގެ އައްޑޫ ހިމެނޭ ގުރޫޕް 'ބީ' ގައި 0-0 ގެ ނަތީޖާއަކުން އެއްވަރުކޮށް ވިކްޓްރީން އެންމެ ފަހުގެ ރަނަރަފް އީގަލްސް ހިފަހައްޓައިފިއެވެ.

އައްޑޫ ސިތީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ވެސް ލިބިގެންދިޔައީ ޕްރެޒިޑެންޓްގެ އެންމެ ކާމިޔާބު ޓީމް ވިކްޓްރީއަށެވެ.

މެޗްގެ ފުރަތަމަ ހާފުގައި ވިކްޓްރީގެ ތަސްނީމްއަށްވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ.

ދެ ވަނަ ހާފުގައިވެސް ހުސް ފުރުސަތުތަކެއް ވިކްޓްރީއަށް ލިބުނު ނަމަވެސް ނިންމާލެވޭގޮތް ވަނީ ނުވެފައެވެ.

ދެ ވަނަ ހާފުގައި އީގަލްސްއަށް ވެސް ވަނީ ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ލިބިގެންގޮސްފަ އެވެ.

އެގޮތުން އީގަލްސްގެ ކެޕްޓަން އިސްމާޢީލް އީސާ (މެސީ) އަށް ލިބުނު ފުރުސަތު ވިކްޓްރީގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ވިކްޓްރީގެ ކީޕަރު ޠޮލާލް ވަނީ އެހަމަލާ ދިފާއުކޮށްފައެވެ.

މެޗަށްފަހު ސަންއަށް ދިން އިންޓަވިއުގައި ވިކްޓރީގެ ކޯޗް އަހްމަދު ނާޝިދު (ނަދު) ބުނީ މެޗެއްގައި ލަނޑު ޖެހުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތތައް ވިކްޓރީއަށް ލިބިގެން ދިޔަކަމަށާއި ނަމަވެސް ކުރިމަތިވީ ނިންމާލުމުގެ މައްސަލަކަމަށެވެ.

މިގުރޫޕްގައި ހުކުރު ދުވަހު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވެލެންސިއާ އީގަލްސްއެވެ.