ޓްރިޕޮލީ : އެމެރިކާއާއި ފަރަންސޭސިވިލާތުން ލީބިޔާގެ ބައެއް އަމާޒުތަކަށް ރޭ ޙަމަލާދިނުމާގުޅިގެން ލިބިޔާ ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުގެ ކުށްލި ބައްދަލުވުމަކަށް ގޮވާލައިފިއެވެ.

ލީބިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ގައި ހުޅަނގުގެ ބާރުތަކުގެ މިޙަމަލާތައް ސިފަކޮށްފައިވަނީ ހުޅަނގުގެ އިސްތިޢްމާރީ އަދި ޢުދުވާނީ ހަމަލާތަކެއްގެ ގޮތުގައެވެ. މި ހަމަލާތަކާބެހޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެމެރިކާއާއި ފަރަންސޭސިވިލާތުގެ މި ޙަމަލާތަކުގައި ލީބިޔާގެ ޢާންމުންގެ 48 މީހަކު މަރުވެ ގިނަޢަދަދެއްގެ މީހުން ޒަޚަމްވި ކަމަށްވެސް މިބަޔާން ބުނެއެވެ. އަދި އަމިއްލަ ނަފްސުގެ ދިފާޢުގައި ލީބިޔާއަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފާނެކަމަށާއި މެދުތެރޭ ކަނޑުގެ ސަރަޙައްދުގައާއި ލިބިޔާގެ ވަށައިގެންވާ ވައިގެ ސަރަޙައްދުގައި ހަރަކާތްތެރިވާ ކޮންމެ އެއްޗަކަށްވެސް ޙަމަލާދިނުމުގެ ޙައްޤު ލިބިޔާއަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

މިހަމަލާތަކަށްފަހު ލީބިޔާގެ ޓީވީ އަށް ދެއްވި ބަޔާނެއްގައި ލީބިޔާގެ ޒަޢީމް ކާނަލް މުޢައްމަރުލް ގައްޒާފީ ވިދާޅުވީ ހުޅަނގުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޓްރިޕޮލީ، ސިރްތު، މިސްރާތާ އަދި ބެންޣާޒީގެ ހޮސްޕިޓަލްތަކާއި އެއަރޕޯޓްތައްފަދަ މަދަނީ އިންފްރާސްޓްރަކްޗަރ ތަކަށް ކަމުގައެވެ. މިޢުދުވާނާ ދެކޮޅަށް ލީބިޔާގެ ހުރިހާ ރައްޔިތުން އަމިއްލަ ނަފްސުގެ ދިފާޢުގައި ހަތިޔާރު އުފުލާނެ ކަމުގެ އިންޒާރުވެސް ގައްޒާފީ ދެއްވިއެވެ.

އަނެއްކޮޅުން ގައްޒާފީގެ އަޢުވާނެއްކަމަށްވާ އެޤައުމުގެ ބަރުލަމާނުގެ ރައީސް މުޙައްމަދު އައްޒަވާވީ ވެސް ވަނީ މިޙަމަލާތަކަށް ބިރުން ހުޅަނގުގެ ކުރިމަތީގައި ލީބިޔާ ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެ ވަހަކަ ދައްކަވާފައެވެ. އޭނާ ވަނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތައްދެކެ ލީބިޔާގެ ސަރުކާރާއި ރައްޔިތުން ކުޑަކޮށްވެސް ޖެހިލުން ނުވާކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ.

ގައްޒާފީގެ ދިގުލީ ވެރިކަމާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން ސުލްޙަވެރިކަމާއެކު މުޒާހަރާކުރަން ފެށުމުން އެމީހުންނާ ދެކޮޅަށް ގައްޒާފީ، ބަރުހަތިޔާރު ބޭނުންކުރައްވައިގެން ޤަތްލު ޢާންމު ހިންގަވައި އެތަށް ސަތޭކަބަޔަކު އެއްވެސް ޙަޢްޤަކާނުލާ ޝަހީދު ކޮށްލުމުން ގައްޒާފީގެ ވާހަކަތައް އަޑުއަހާނެ ފަރާތެއް ދުނިޔޭގައި މިހާރުނެތް ކަމަށް މުރާސިލުން ބުނެއެވެ.

އަދި ގައްޒާފީ އާއި އޭނާގެ އަޢުވާނުންނާއި އޭނާގެ ވެރިކަމުގެ ނިޒާމް މިހާރުވަނީ ލީބިޔާ ރައްޔިތުންގެ ތާއީދު ގެއްލި އެކަހެރިވެފައި ކަމަށާއި ގައްޒާފީ މިހާރު ކުޅުއްވަމުން ގެންދަވަނީ އޭނާގެ އަތްޕުޅުގައިވާ އެންމެ ފަހުގެ ކާޑުތައް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. -- އަލްޖަޒީރާ