ޕްރެޒިޑެންޓް ކަޕްގެ ކުޅުދުއްފުށީގައި ހިމެނޭ ގުރޫޕް 'އޭ' ގައި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ މަހިބަދޫ އާއި ޓީސީ ބައްދަލުކުރި މެޗް 2-0 ގެ ނަތީޖާއަކުން ޓީސީ ކާމިޔާބުކޮށްފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މަހިބަދޫއަށް ވަނީ ލިބިގެންގޮސްފައެވެ.

މެޗްގެ 34 ވަނަ މިނެޓްގައި މަހިބަދޫއަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ބިދޭސީ މިޑްފީލްޑާ ޑަސިލްވާ ބިނާ އެންޑަސް ފޮނުވާލި ނަމަވެސް ގައުމީ ޓީމްގެ ހުނަރުވެރި ކީޕަރު މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން) ވަނީ އެޕެނަލްޓީ ދިފާއުކޮށްފަ އެވެ.

އެ ޕެނަލްޓީއަކީ ޓީސީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މަހިބަދޫގެ ނެކެމޮން ރޮޑްރިގޭ ޓަހީއަށް ޓީސީގެ ކެލާނީ ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި ޓީސީން ވަނީ މަހިބަދޫ ގޯލަށް ނުރައްކާކޮށްފަ އެވެ. ނަތިޖާއެއްގެ ގޮތުން އެ ޓީމުގެ ޢަލީ ނާފިއު (ކަޅޭ) ވަނީ މެޗްގެ 66 ވަނަ މިނެޓްގައި ލިޑް ނަގާފައެވެ.

ޓީސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 88 ވަނަ މިނެޓްގައި ބްރަޒިލްގެ ފޯވަޑް ރަފޭލް ބެޓިމް މާޓް (ރަފިއާނާ) އެވެ.

އެ ގުރޫޕްގައި ދެން ކުޅޭ މެޗްގައި ބައްދަލު ކުރާނީ ބީޖީއާއި މަހިބަދޫއެވެ.

މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.