ގިނަ އަދަދެއްގެ ފަސިންޖަރުން ގޮވައިގެން ދަތުރު ކުރި ލޯންޗެއް ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާގެ ނެރުމައްޗަށް އަރައިފި އެވެ. އެ ލޯންޗު ފަރަށް އެއީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފަސިންޖަރުން ގޮވައިގެން ދަނިކޮށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 7:15 ހާއިރު އެ ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، ކޯސްޓްގާޑް ޑައިވަރުންގެ ޓީމަކާއެކު ހާބަ ކްރާފްޓް ލޯންޗެއް އެ ސަރަހައްދަށް ގޮސް ލޯންޗު ފުންކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.

މީރު އައިލެންޑް ރިޒޯޓުން ފޮނުވި ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިރޭ ގާތްގަނޑަކަށް 9:30 ގައި އެ ލޯންޗު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ލޯންޗުން ދަތުރުކުރި 43 މީހުންގެ ތެރެއިން 19 މީހަކު އެމްއެންޑީއެފްގެ އުޅަނދެއްގައި އެއާޕޯޓަށް ގެންގޮސްދީފައިވާއިރު، އިތުރު 13 މީހަކު ވަނީ މީރު އައިލެންޑް ރިޒޯޓުގެ ލޯންޗެއްގައި އެއާޕޯޓަށް ގެންގޮސްދީފަ އެވެ.

ފަރަށް އެރި ލޯންޗު ފުންކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ބާކީ ތިބި 11 މީހުން ލޯންޗުގައި ބައިތިއްބައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.