އިރުއަރާ މަންޒަރާ އިރު އޮއްސޭ މަންޒަރަކީ އެކަމަކުން ގިނަ ބައެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. އުފާވެރިކަން ގެނެސްދޭ މަންޒަރެކެވެ. ވަގުތު ހުސްކޮށްގެން އެ ބަލަން ބައެއް މީހުންދާއިރު، ބަލައި ފޫހިނުވާ އެ މަންޒަރު ބެލުމަށް ކަމާކަންފަށައި ދާ މީހުން ވެސް މަދެއް ނޫނެވެ.

ސްކޮޓް ކެލީއަކީ، މައިކްރޯ ގްރެވަޓީގައި ދިގު މުއްދަތަކަށް ހުރެއްޖެނަމަ އިންސާނެއްގެ ހަށިގަނޑަށް އަންނާނެ ބަދަލުތައް ދެނެގަތުމަށް ދުނިޔޭގެ ޖައްވީ މައި އިދާރާ، ނާސާ އިން އަހަރު ދުވަހުގެ ދިގު މިޝަންއަކަށް ޖައްވަށް ފޮނުވާފައިވާ އެމެރިކާގެ އެސްޓްރޮނޯޓެކެވެ.

ޖައްވުގައި އުޅޭއިރު ރިޓަޔާޑް ނޭވީ ކެޕްޓަނެއް ކަމަށްވާ ސްކޮޓްގެ ހަށިގަނޑު ތަޖުރިބާ ކުރާ ކަންތައްތައް ބެލުމަށް 383 ދިރާސާ ޓެސްޓެއް ހަދަންޖެހޭއިރު، ޖައްވުގައި ހޭދަކުރާ ދުވަސްތަކުގައި ރިސައިކަލް ކޮށްފައި ހުންނަ ކުޑަކަމުދާ ތަކެއްޗާއި ގައިން އޮހޮރޭ ދަލުގެ ގާތްގަނޑަކަށް 730 ލީޓަރު އޭނާ ބޯންޖެހެ އެވެ.

މީގެ އިތުރުން، ހާއްސަ ޓްރެޑްމިލް އެއްގައި 648 މޭލު ދުވަންޖެހޭއިރު، ޓެސްޓުތައް ހަދަމުން ކަށިތަކާއި ގައިގެ މަސްތަކާ ހިތް ވަރުގަދަ ކުރުމަށް 700 އަށްވުރެއް ގިނަ ގަޑިއިރު ކަސްރަތު ކުރުމުގައި ސްކޮޓް ހޭދަކުރާނެ އެވެ.

ޖައްވުގައި ހޭދަކުރާ އެއް އަހަރުގައި އޭނާއަށް ލިބޭ ރަނުގެ ފުރުސަތެއް ވެސް އެބައޮތެވެ. އެއީ އަހަރެއްގެ ތެރޭގައި 10،944 އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ފެނުމުގެ ފުރުސަތު ލިބުމެވެ. ދުނިޔޭގައި ތިބޭ މީހުންނަށް އެ ފުރުސަތު ލިބޭނީ އެންމެ 684 ފަހަރެވެ.

ޖައްވުގައި ހުރެ ސްކޮޓް ނަގާފައިވާ ފޮޓޯއެއް: ޖައްވުގައި ސްކޮޓް ހޭދަކުރާ އެއް އަހަރުގައި އޭނާއަށް ފެންނަ އިރު އަރާ އަދި އިރު އޮއްސޭ މަންޒަރުތައް ދަނީ ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކުރަމުން --- ފޮޓޯ/ ސްކޮޓް ޓްވީޓާ އެކައުންޓް

އެ މަންޒަރުތައް ސްކޮޓް އަށް ފެނުމުގެ ފުރުސަތު ލިބެނީ، އޭނާ އުޅޭ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ކޮންމެ 90 މިނެޓަކުން ދުނިޔެ ވަށައި ބުރެއްޖަހާތީ އެވެ.

ސްކޮޓް އަށް ލިބުނު އެ ރަނުގެ ފުރުސަތުގެ ބޭނުން ހިފައި އޭނާ ދަނީ، މިހާތަނަށް ޖައްވުގައި ހޭދަކުރި ހަ މަސް ދުވަހުގެ ތެރޭގައި ފެނުނު އިރު އަރާ އަދި އިރު އޮއްސޭ މަންޒަރުތަކުގެ ފޮޓޯ ނެގުމަށްފަހު ދުނިޔެއަށް ފޮނުވަމުންނެވެ.

މީގެ އިތުރުން، އޭނާ ދަނީ އެ ފޮޓޯތައް އަމިއްލަ ޓްވީޓާ އަދި އިންސްޓަގްރަމް އެކައުންޓަށް ވެސް ލަމުންނެވެ.

މީގެ ކުރިން ތިން މިޝަނެއްގައި ޖައްވަށް ގޮސްފައިވާ ސްކޮޓް، އެއް އަހަރު ދުވަހުގެ ދިގު މިޝަނެއްގައި ޖައްވަށް ފޮނުވުމަށް ހޮވިފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ މިޝަނަށް އޭނާ ޖައްވަށް ފޮނުވާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.