20 Mar 2011, 20:58
ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކަށް މާދަމާ ރުހުން ނުދޭނަމަ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ މަގާމުތަކާމެދު އިދިކޮޅު ލީޑަރު އަހުމަދު ތަސްމީން އަލީ ވަރަށް ފުންކޮށް ވިސްނެވުމަށް ސަރުކާރު ހިންގާ ޕާޓީން ގޮވާލައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަމަށް އަލަށް އައްޔަން ކުރައްވާފައިވާ ފަސް ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވި ވިދާޅުވުމަށް ދެއްވާ ރައްދެއްގެ ގޮތުގަ އެވެ.
މޫސަ މިއަދު ވިދާޅުވީ އިދިކޮޅު ޑީއާރްޕީގެ ތަސްމީން ފެކްޝަނުން ބާރު އަޅައިގެން މާދަމާ ތިން ވަޒީރަކަށް ރުހުން ނުދީފި ނަމަ، އެއާއެކު މަޖިލީހުގެ އެތެރޭގެ މަގާމުތަކާމެދު އިދިކޮޅު ޕާޓީން ރަނގަޅަށް ވިސްނަން ޖެހޭނެ ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި މާދަމާ ކަންކުރާ ގޮތެއް ބަލައި މަޖިލީހުގެ އެތެރޭގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމުގައި އެމްޑީޕީ ވެސް ގޮތެއް ނިންމާނެ ކަމަށެވެ.
އެމްޑީޕީން ނިންމާ ގޮތަކީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެ ދެ މެގާމަށް އާ ބޭފުޅުން ގެންނެވުންތޯ ސުވާލު ކުރުމުން މޫސަ ޖަވާބެއް ނުދެއްވަ އެވެ.
"ތިންބާރު ވަކި ކުރެވިފައިވާ ނިޒާމެއް މިއީ. އެކަމަކު ކޮންމެ ފަހަކަރަކު ރައީސްލް ޖުމްހޫރިއްޔާ ވަޒީރު ކަމަށް ބޭފުޅުން ލައްވާއިރު އިދިޅު ޕާޓީން ނުކުމެ މިކަން މި ހަމަޖައްސަނީ. ސަރުކާރަކަށް ނެތް އެއްވެސް ކަމެއް ކުރެވޭކަށް... މިހާރު ތަސްމީން ފެކްޝަނުން އެއޮތީ ބުނެފަ ތިން ބޭފުޅަކަށް ރުހުން ނުދޭނެ ކަމަށް، އެހެންވީމާ މީގެ ފަހުން މަޖީލުހުގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމުގައި އަޅުގަނޑުމެން ވިސްނާނަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ވިދާޅުވާއިރު ޑީއާރްޕީގެ ތަސްމީން ފެކްޝަން އޮތް ހާލު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މާދަމާގެ ނަތީޖާއަށް ފަހު މި މައްސަލައިގައި އެމްޑީޕީން ވެސް ނަތީޖާއެއް ނެރޭނެ ކަމަށެވެ.