18 Apr 2010, 15:14
19:00
ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓަމުންދިޔަ ގާޑުންތަކެއް މިދިޔަ އަހަރުތެރޭ އެގައުމުގެ ސިފައިންގެ އިސް އޮފިސަރުންތަކަކާ ދެކޮޅަށް ހިންގި ބަޣާވާތާ ގުޅިގެން 57 ގާޑަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ކޯޓުގެ ފަނޑިޔާރު މޭޖާ ޖެނެރަލް މައިނުލް އިސްލާމް ބުނެފައި ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހުންނަށް ހުކުމްކޮށްފައި ވަނީ އެކި މުއްދަތުތަކަށް ކަމަށާއި އޭގެ ތެރޭން ހަތަރު ގާޑަކަށް ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ކުޑަ އަދަބެއް ދީފައިވާ ގާޑުންނަށް ހުކުމް ކޮށްފައި ވަނީ ހަތަރު މަހަށް ޖަލަށްލުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓަމުންދިޔަ ގާޑުން މިބަޣާވާތް ހިންގާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރެ އެވެ. އެމީހުން މިބަޣާވާތް ހިންގާފައި ވަނީ ސިފައިންގެ އިސް ކޮމާންޑަރުންނާއި އޮފިސަރުންނާ މެދު ހިތްހަމަނުޖެހިގެންނެވެ.
ވެރިރަށް ޑާކާގައި ފެށުނު މިބަޣާވާތުގައި ސިފައިންގެ އޮފިސަރުންގެ ތެރޭން ގިނަ ބަޔަކާއެކު ޖުމްލަ 74 މީހަކު ވަނީ މަރުވެފަ އެވެ. މި ހަމަނުޖެހުން ނިންމާލާފައި ވަނީ ބޯޑަރު ބަލަހައްޓަމުންދިޔަ ގާޑުންނާ އެކު ބަންގްލަދޭޝްގެ ސަރުކާރުން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަކަށް ފަހު އެވެ.