ހުރިހާ ޑޮކްޓަރުންނާއި ސިއްހީ މާހިރުން އެއްބަސްވާ ގޮތުގައި ހިނގުމަކީ ކަސްރަތެއްގެ ގޮތުގައި އެންމެންނަށްވެސް ރައްކާތެރިކަމާއިއެކު ކުރެވިދާނެ ކަމެކެވެ. ކަސްރަތެއްގެ ގޮތުގައި ހިނގުން އިޚްތިޔާރު ކުރުމުގެ އެތަކެއް ފައިދާ ތަކުގެ ތެރޭގައި ބަރުދަން ލުއިކޮށްދިނުން، އޮބީސިޓީ (ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ވުރެ ގިނައިން ސަރުބީ ހުރުން)، ހަކުރުބަލި އަދި ހިތުގެ ބަލިތަކުން ދުރުކޮށްދިނުން، އަދި ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ ތަދު ކުޑަ ކުރުމަށް އެހީވެދިނުން ހިމެނެއެވެ.

މީގެ އިތުރުން ހިނގުމަކީ އެއްވެސް ހަރަދެއް ހިނގާނެ ކަމެއް ނޫނެވެ. އަދި ވަކި ހާއްސަ ތަނަކަށް ގޮސް ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. އެހެން ކަމުން އަގުބޮޑު އެރޯބިކްސް ނުވަތަ ޒުމްބާ ކްލާސްތައް ނެގުމަށް ވުރެ ކަސްރަތެއްގެ ގޮތުގައި ހިނގުން މާ "ޕްރެކްޓިކަލް" ނޫންތޯއެވެ؟

  1. ހިނގުމުން މީހާ އޮބީސިޓީ އާއި ދުރުކޮށްދޭ

2009 ވަނަ އަހަރު ކުރެވުނު ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ދުއްވާ އެއްޗިހީގައި ތަންތަނަށް ގޮސް އުޅޭ މީހުނަށްވުރެ ހިނގާފައި ތަންތަނަށް ގޮސް އުޅޭ މީހުން "އޮބީސް" (ފަލަވުން ނުވަތަ ސަރުބީ ޖެހުން) ފުރުސަތު ކުޑައެވެ. ދެން އުފެދޭނެ ސުވާލަކީ ހިނގަންވީ ކިހާ ދުރުމިނަކަށް، ނޫނީ ކިހާ އިރެއްވަންދެން ބާވައެވެ؟

2015 ވަނަ އަހަރުގައި ކުރެވުނު ދިރާސާއެއް ދައްކާގޮތުގައި ދުވާލަކު މަދުވެގެން 20 މިނިޓުވަންދެން ހިނގި ކަމުގައި ވިޔަސް މުސްކުޅިވުމުގެ ކުރިން މަރުވުމުގެ "ރިސްކު" 30 އިންސައްތަ ކުޑަކޮށްދެއެވެ. ދުވާލަކު 30 މިނިޓުވަންދެން ހިނގުމުން ހަށިގަނޑުން 150 ކެލަރީ އަންދާލައެވެ. އެހެންކަމުން "އޮބީސިޓީ" އާއި މީހާ ދުރުކޮށްދީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.

  1. ހިނގުމުން ހަކުރުބަލި ޖެހުމާއި ދުރުކޮށްދޭ

ހިނގުމުގެ ސަބަބުން ލޭގައިވާ ހަކުރުގެ މިންވަރު ހަމައަކަށް އަޅުވައިދެއެވެ. އަދި މީގެ ސަބަބުން އިންސިއުލިން ލެވެލް ދަށްވެ ހަކުރުބަލިން މީހާ ދުރުކޮށްދެއެވެ. 2013 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު 45 މިނިޓުވަންދެން ހިނގުމުން ލޭގައިވާ ހަކުރުގެ މިންވަރު ހަމައަކަށް އަޅުވައިލެވޭ ވަރަށް ކޮންމެ ކެއުމަކަށް ފަހު 15 މިނިޓުވަންދެން ހިނގުމުންވެސް ހަމައަކަށް އަޅުވައިލެވޭނެ އެވެ. މިއީ އެއްފަހަރާ އެހާ ގިނައިރުވަންދެން ހިނގަން ފަސްޖެހޭ މީހުންނަށް ލިބޭނެ ހެޔޮ ހަބަރެކެވެ.

  1. ހިނގުމަކީ ހިތަށް ފައިދާ ހުރި ކަމެއް

އެންމެނަށް ވެސް ހީވެފައި އޮންނަ ގޮތުގައި ދުވުމަކީ ހިނގުމަށް ވުރެ ހަށިގަނޑަށް މާ ފައިދާހުރި ކަސްރަތެކެވެ. ނަމަވެސް މިއީ ހުރިހައި ހާލަތެއްގައި ކަންހުރި ގޮތެއް ނޫނެވެ. ހާއްސަކޮށް ހިތުގެ ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރަން ބަލާ އިރު ހިނގުމަކީ ދުވުމަށްވުރެ ހަށިގަނޑަށް މާ ފައިދާހުރި ކަސްރަތަކަށް ވެދާނެ އެވެ.

2013 ވަނަ އަހަރު ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި ލޭގެ ޕްރެޝާ މަތި ނުވަތަ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތި މީހުންގެ ތެރެއިން އެއް ދުރުމިނަކަށް ދުވާ މީހުނަށްވުރެ ހިނގާ މީހުންގެ ހަށިގަނޑަށް މާ ފައިދާ ކުރެ އެވެ. ދުވާ މީހުންނާއި އެއް ދުރުމިނަކަށް ދިޔުމަށް ހިނގާ މީހުން މާ ގިނަ އިރު ނެގި ނަމަވެސް ހިނގުމަކީ ގިނަ މީހުނަށް – ހާއްސަކޮށް ކަސްރަތަށް އާ މީހުންނަށް – މާ ފަސޭހަ ކަމަކަށްވުން ގާތެވެ.

  1. ހިނގުމަކީ ކޮންމެ ވައްތަރެއްގެ ހަށިގަޑެއްގެ ވެރިއަކަށްވެސް ކުރެވިދާނެ ކަމެއް

ހިނގުމަކީ މާބަނޑު މީހަކަސް، ހަށިގަނޑު ބަރުހެލި މީހަކަސް، ރާއްޖެބަލި ޖެހިފައިވާ މީހަކަސް ކަސްރަތެއްގެ ގޮތުގައި ކުރެވިދާނެ ކަމެއް ކަމަށް ހުރިހާ ޑޮކްޓަރުންވެސް އެއްބަސްވެ އެވެ. އަދި ހިނގުމުގެ ސަބަބުން ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ތަހައްމަލު ކުރާ ތަދު ކުޑަ ކޮށްދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ދެތިން މިނިޓަށް ނަމަވެސް ހިނގަން ފަށްޓަންވީއެވެ.

  1. މޫޑު ރަނގަޅުކޮށްދީ ޑިޕްރެޝަން އަދި އެންގްޒައިޓީ އިން ދުރުކޮށްދޭ

ހަށިގަނޑު ހަރަކާތްކުރުން މިއީ މީހާއަށް އުފާވެރިކަން ގެނެސްދީ ތަދުގެ އިހުސާސް ކުޑަކޮށްދޭ ކެމިކަލެއް ކަމުގައިވާ "އެންޑޯފިންސް" ސިކުނޑީގެ ތެރޭގައި ފެތުރުމަށް މެދުވެރިވާ ސަބަބެކެވެ. އެހެން ކަމުން މިއީ ޑިޕްރެޝަނުން މީހާ އަރައިގަތުމަށް ކަސްރަތު ކުރުމަށް – އަދި ވަކިން ހާއްސަކޮށް ހިނގުމަށް – ބާރު އެޅޭ ސަބަބެވެ. 2005 ވަނަ އަހަރު ކުރެވުނު ދިރާސާ އަކުން ދައްކާ ގޮތުގައި ހަފްތާއަކު ފަސް ދުވަހު ކޮންމެ ދުވަހަކު 30 މިނިޓު ބާރުލާފައި ހިނގުން، ނޫނީ ހަފްތާއަކު ތިން ދުވަހު 60 މިނިޓުވަންދެން ބާރުލާފައި ހިނގުން މިއީ "މައިލްޑް" ޑިޕްރެޝަނުން ފެށިގެން "މޮޑެރޭޓް" ޑިޕްރެޝަން ހުންނަ މީހުންގެ ސިމްޕްޓަމްތައް ކުޑަ ކޮށްދޭ ކަމެކެވެ.

  1. ރޭގަނޑު ނިދުމަށް އެހީތެރިވެދޭ

ދަތުރުފަތުރު ކުރުމުގެ މާހިރުން، އާ ރަށަކަށް ދާ ދުވަހު އެ ރަށެއް ތެރޭ ހިނގާލުމަށް ނަސޭހަތްތެރި ވަނީ ސަބަބެއް ނެތި އެއް ނޫނެވެ. އިރުގެ އަލީގައި ހަށިގަނޑު ޖައްސާލާ، އަނދިރި ވަންދެން ބޭރުގައި އުޅުމުން ނިދި ހަމަޖައްސައިދޭ ހޯމޯނެއް ކަމަށްވާ "މެލަޓޮނިން" އާ މާހައުލުތަކަށާއި ޓައިމް ޒޯނުތަކަށް ހޭނި ނިދުމަށް ފަސޭހަ ވެގެންދެއެވެ. މެލަޓޯނިން އިތުރު ވާ ވަރަކަށް ނިދި ގަދަވެއެވެ.

  1. ހިނގުމަކީ ހަރަދެއް ނުދާ ފަސޭހަ ކަމެއް

ހިނގަން ފަށްޓަން ޖިމް މެމްބަޝިޕް ފީ އެއް، ރީތި ކަސްރަތަށް ހާއްސަ ހެދުމެއް ނުވަތަ ހިނގުމަށް ހާއްސަ އަގުބޮޑު ބޫޓެއް ބޭނުމެއް ނުވެއެވެ. އަދި ހިނގަން ދަސްކުރަން ހާއްސަ ތަމްރީނުތަކެއް ހޯދާކަށްވެސް ނުޖެހެއެވެ. ހަމަ އެކަނި ބޭނުންވާނީ ފަޔަށް ފަސޭހަ ބޫޓެކެވެ. ހިނގަން ފޫހި ވެދާނެހެން ހީވަންޏާ ހިނގާއިރު ފޯނުން ލަވަ ޖަހާށެވެ.

  1. ހިނގުމުން މީހުންނާ ބައްދަލުވޭ

ދިވެހިރާއްޖޭގައި – ހާއްސަކޮށް މާލޭގައި ކުރިން އޮންނަ އަވައްޓެރިކަމުގެ ގާތް ގުޅުމެއް ނޯވެއެވެ. އެންމެން ވެސް އުޅެނީ ވަކި ވަކި އެޕާޓްމަންޓުތަކުގަ އެވެ. ޖެހިގެން އޮންނަ އެޕާޓްމަންޓުގައި އުޅެނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނިކަން ގޭ ކައިރީ ހިނގާލާ ވަށާ ބުރެއް ޖަހާލަ ބަލާށެވެ. ތިމާގެ އަވައްޓެރިންނާ ގުޅުން ބަދަހި ކޮށްލަ ބަލާށެވެ. އަދި ހިނގުމުގެ ތެރޭގައި އެތަކެއް އެކުވެރިންނަކާ ދިމާވާނެކަން ޔަގީނެވެ.

  1. ގުދުރަތީ ރީތިކަމުން އުފާ ލިބިގަތުން

އެންމެ ފަހުން އިރު އަރާ މަންޒަރު ނުވަތަ އިރު އޮއްސޭ މަންޒަރު ބަލާލަން ދިޔައީ ކޮންއިރަކު ހެއްޔެވެ؟ ވަޒީފާ އާއި ގޭގެ ޒިންމާތައް ފުރިހަމަ ކުރުމުގައި މަސްއޫލު ވެގެން އުޅޭ އިރު މި ކަހަލަ ކަންކަމަކަށް ވަގުތެއް ނުދެވެއެވެ. ފަތިސްގަޑީ ނުވަތަ އިރު އޮއްސޭ ގަޑީ ހިނގަން ގޮސް ބަލާށެވެ. ހަށިގަނޑަށް ފައިދާ ހުރި ކަސްރަތެއް ލިބުމުގެ އިތުރުން މީހާ ގެ ސިކުނޑިވެސް ތާޒާ ވެގެން ދާނެ އެވެ.