16 Sep 2015, 18:18
ޓްރެވެލް ފެއާއެއް ކަމުގައިވާ "ފިއުޗާ ޓްރެވެލް އެކްސްޕީރިއަންސް ގްލޯބަލް" އިން ދޭ "އަޕް އިން ދި އެއާ އެކްސްޕީރިއަންސް" އެވޯޑު ގަތަރު އެއާވޭޒް ހޯދައިފި އެވެ.
މި އެވޯޑަކީ 2025 ވަނަ އަހަރު އަންނަންވާއިރަށް އައު ޓެކްނޮލޮޖީ އާއި ހިދުމަތްތައް ކުރިއަރައި މަތިންދާ ބޯޓުގައި ދަތުރުކުރުމުގެ ތަޖުރިބާ އަށް ގެނުވައިދޭނެ ބަދަލު ފާހަގަކޮށް، މިކަމުގައި އެންމެ ކުރީގައި އުޅޭ އެއާލައިން ތަކަށް ދެވޭ އެވޯޑެކެވެ.
ސެޕްޓެމްބަރު މަހުގެ ނުވައަކުން އެގާރަ އަށް ލާސް ވޭގަސް ގައި ބޭއްވި މި ފެއާ ގެ ތީމަކީ "ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން ގެނެވޭ ބަދަލުތަކުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ ބަދަލުކޮށްލުން" މިއެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ގަތަރު އެއާލައިންސްގެ ކެބިން ކްރޫއިން ވަނީ ބައިވެރިވެފައި އެވެ.
"މި ވާދަވެރި އެވޯޑު – ހާއްސަކޮށް މަތިންދާބޯޓުން ދަތުރުކުރުމުގެ މުސްތަގުބަލަށް އެހާވަރަށް ވިސްނާ ޖަމިއްޔާއެއްގެ ފަރާތުން ލިބުން މިއީ ވަރަށް ބޮޑު ޝަރަފެއް،" އެވޯޑާއި ހަވާލުވަމުން ގަތަރު އެއާވޭޒް ގްރޫޕުގެ ސީއީ އަކްބަރް އަލް ބަކްރް ބުންޏެވެ. އަހަރުމެން މިދަނީ މެދުނުކެނޑި، އަހަރުމެން ފޯރުކޮށްދޭ ދެވަނަ އެއް ނެތް އިނާޔަތްތަކާއި މަސައްކަތްތެރި ކެބިން ކުރޫ މެދުވެރިކޮށް މިހާރުގެ ސްޓޭންޑަޑަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދީ ކުރިއަށް އޮތް މުސްތަގުބަލަށް އައު ސްޓޭންޑަޑްތަކެއް ކަނޑައަޅަމުން. މި ޝަރަފުންވެސް ސާބިތުވާ ފަދައިން – އަހަރުމެންގެ އެވޯޑު ލިބިފައިވާ ކެބިން ކުރޫއިންގެ ސަބަބުން މިކަން އަހަރުމެންގެ ކަސްޓަމަރުންނާއި ފޭނުން ވެސް ގަބޫލު ކުރޭ."
އެ އެއާލައިނަށް ލިބިފައިވާ އިތުރު ޝަރަފުތަކުގެ ތެރޭގައި މިއަހަރު ބޭއްވި "ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް" ގައި "އެއާލައިން އޮފް ދި އިޔާ" އެވޯޑާއި، ބެސްޓް ބިޒްނަސް ކްލާސް އެއާލައިން ސީޓް" އެވޯޑާއި "ބެސްޓް އެއާލައިން އިން ދި މިޑްލްއީސްޓް" އެވޯޑު ހިމެނެއެވެ.
މިއީ އެ އެއާލައިން އަހަރުގެ އެންމެ ރަނގަޅު އެއާލައިންގެ ޝަރަފު ހޯދި ތިންވަނަ ފަހަރެވެ.
ގަތަރު ސަރުކާރުގެ ރަސްމީ އެއާލައިން – ގަތަރު އެއާވޭޒް އަކީ ދުނިޔޭގެ އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އެއާލައިނެވެ. 18 އަހަރު ވެފައިވާ މި އެއާލައިންގައި އެންމެ ފަހުގެ 166 މަތިންދާބޯޓު އޮވެއެވެ. އެ އެއާލައިނުން ދުނިޔޭގެ ހަ ބައްރުގައިވާ މައިގަނޑު 152 ރަށަކަށް ދަތުރު ކުރެ އެވެ.