ބަންޑާރަ ނައިބަށް ރުހުން ނުދެނީސް ދައުލަތް ހިމެނޭ އެއްވެސް މައްސަލައެއް ނުބައްލަވާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެފައިވާތީ އެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައި އެ މައްސަލަ ކޮމެޓީއަކާ ހަވާލުކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމަށް ތައުދީބީ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި ނައީމްގެ މައްސަލަ ވެސް ބަލާނީ އެ ކޮމެޓީން ކަމަށެވެ. އެ ކޮމެޓީގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި ޝުއައިބު އަބްދުއްރަހްމާނެވެ.

ގާޒީ ނައީމް ވިދާޅުވީ އޭނާގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމިކަން އަދި އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހެއްގައި ގާޒީ ނައީމް ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބަށް ރުހުން ނުދެނީސް އެއްވެސް މައްސަލައެއް ނުބެލުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިޔާލު ތަފާތުވެގެން ސިވިލް ކޯޓުގެ ގާޒީން ވޯޓެއް ނެގުމުން އެފަދަ މައްސަލަތައް ބެލުމަށް އަގުލަބިއްޔަތު ލިބުނު ކަމަށާއި އެކަމަކު ވެސް އެފަދަ މައްސަލަތައް ނުބެލުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން އެފަދަ މައްސަލަތައް ބެލުމަށް ހައި ކޯޓުން ވެސް ނިންމާފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.