ފަސް މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބ. އަނަންތަރާ ރިސޯޓު ކައިރިން ބަންޑުން ޖަހާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ބަންޑުން ޖަހާލާފައި ވަނީ އަނަންތަރަ ރިސޯޓަށް ވެލި ހިފައިގެން ދިޔަ ދޯންޏެއް ކަމަށެވެ.

އަނަންތަރަ ރިސޯޓުގެ މުވައްޒަފުން ގޮސް އެ ދޯނިން ދަތުރުކުރި އެންމެން ސަލާމަތްކޮށް އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަނަންތަރަ ރިސޯޓުން ވާހަކަދެއްކި މީހަކު ބުނީ ބަނޑުން ޖަހާލި ދޯންޏަކީ ރިސޯޓުގައި ކޮންޓްރެކްޓަށް މަސައްކަތްކުރާ ބަޔަކު ވެލިއުފުލުމަށް ކުއްޔަށް ހިފާފައިވާ ރ. މަޑުއްވަރީ ދޯންޏެއް ކަމަށެވެ.

އެ ދޯނިން ދަތުރުކުރި ފަސް މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފުލުހުންނާއި ރިސޯޓުގައި މަސައްކަތްކުރާ ބައެއް މީހުންގެ އެހީތެރިކަމާ އެކު އެ ދޯނި މިހާރު ބ. ކުޑަރިކިލަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިސަރަހައްދަށް ވަރަށް ކަނޑުގަދަ. ދެން އެ ދޯނިއައީ ވެލިބަސްތާތަކާ އެކު ވަރަށް ބަރުކޮށްގެން. އެހީކަންނޭނގެ ބަންޑުން ޖަހާލަން މެދުވެރިވި ސަބަބަކީ،" ރިސޯޓުން ވާހަކަދެއްކި މީހާ ބުންޏެވެ.