ސުޕުރީމް ކޯޓުގެ އެންގުމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ދައުލަތުގެ މުއައްސަސާތަކުން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައްޔާއި ދައުލަތުގެ މުއައްސަސާތަކަށް ދައުވާ ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރާނީ އޭޖީ އޮފީހުން ކަމަށް ސުޕުރީމް ކޯޓުން ވަނީ އަންގާފަ އެވެ.

އެކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ ޝިފާ މުހައްމަދު 'ސަން' އަށް ވިދާޅުވީ އޭޖީ މެދުވެރިކޮށް މައްސަލަތަށް ހުށަހެޅޭ ގޮތަށް ހެދުމުން މިނިވަން މުއައްސަސާތަކުގައި ތަޅު އެޅުވުނީ ކަމަށެވެ. އެހެން ހެދުމުން ސަރުކާރުގެ އިދާރާތަކާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

އޭގެ އިތުރުން ތުރާފިލުވުުގެ މައްސަލަތަށް އޭޖީ އޮފީހަށް ހުށަހަޅައި އޭޖީން ކޯޓަށް ހުށަހެޅޭ ގޮތަށް ހެދުމުން އާންމު ފަރުދުންގެ ހައްގުތަށް ގެއްލިގެން ގޮސްފައިވާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވަނީ ހައުސިންގް މިނިސްޓްރީއާ ދެކޮޅަށް ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލާފަ އެވެ. ސުޕުރީމް ކޯޓުން ގެނައި ބަދަލާއެކު ސިޓީ ކައުންސިލުގެ ފަރާތުން ވެސް އަދި ހައުސިންގެ މިނިސްޓްރީގެ ފަރާތުންވެސް ކޯޓުގައި ތަމްސީލު ކުރާނީ އޭޖީ އޮފީހުންނެވެ.

ސުޕުރީމް ކޯޓުން ނެރުނު އާންމު ސިޓީއެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައި ވާ ކަމަށެވެ.

އެހެން ކަމުން ދައުލަތުގެ މުއައްސަސާތަކުން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައްޔާއި ދައުލަތުގެ މުއައްސަސާތަކަށް ދައުވާ ރައްދުވާ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަ ނައިބު ކަމަށް އާންމު ސިޓީގައި ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ ހައްގު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށެވެ. އަދި މި ގާނޫނު އަސާސީގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރާނީ ބަންޑާރަ ނައިބު ނުވަތަ ބަންޑާރަ ނައިބު ކަނޑައަޅާ މީހެއް ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.