ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ފަރާތުން ބަންޑާރަ ނައިބު ކޯޓުތަކުގައި ތަމްސީލު ކުރުމާ ގުޅޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފަށައިފި އެވެ.

އެޓާނީ ޖެނެރަލްގެ ނައިބު އަހްމަދު އުޝާމް މިއަދު ސަން އަށް ވިދާޅުވީ އެ އުސޫލު އެކުލަވާލުމަށްފަހު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ޝަރުއީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާއި އެ ފަރާތްތަކަށް ރައްދުވާ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާނީ ބަންޑާރަ ނައިބު ކަމަށް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުންނެވެ.

އޭނާ ވިދާޅުވީ އެ އުސޫލު އެކުލަވާނީ މިނިވަން މުއައްސަސާތަކަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ މިނިވަންކަން ނުގެއްލޭ ގޮތަކަށް ކަމަށެވެ.

އެ އޮފީހުން އެކުލަވައިލާނީ ހުރިހާ މުއައްސަސާތަކުން ވެސް އެއްގޮތަކަށް ވެސް އަމަލުކުރުމުގެ އުސޫލެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އެ އުސޫލު އެކުލަވާލައި ނިމެންދެން ވެސް ކޯޓުތަކުގައި ހިނގާ މުއައްސަސާތަކުގެ މައްސަލަތަކަށް ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތަކަށް ކަންކަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.