20 Mar 2011, 17:53
ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ބާރުގެ ބޭނުންކުރަން ފެށުމުން ކަންބޮޑުވާކަން ދުނިޔޭގެ ބައެއް ޤައުމުތަކުން ހާމަކޮށްފިއެވެ.
ޗައިނާގެ ޚާރިޖިއްޔާއިން މިއަދު ބުނީ ކޮންމެ ސަބަބަކާ ގުޅިގެން ނަމަވެސް ބާރުގެ ބޭނުން ކުރުމަކީ ލީބިޔާގެ އިތުރު ރައްޔިތުންމަރުވެ މައްސަލަ އިތުރަށް ހޫނުވެގެންދާނެ ކަމެއް ކަމުގައެވެ. އެހެންކަމުން ބާރުގެ ބޭނުންނުކޮށް ލީބިޔާގެ މައްސަލަ ޙައްލުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމުގައެވެ.
ރަޝިޔާއިން ވެސް ބުނެފައިވަނީ ލީބިޔާއާ ދެކޮޅަށް އދ. ން ފާސްކުރި ޤަރާރު ތަންފީޒުކުރުމުގެ ގޮތުންނަމަވެސް ލީބިޔާއަށް އިސްވެ ޙަމަލާދީ ބާރުގެ ބޭނުންކުރުމަކީ ވަރަށް ދެރަކަމެއް ކަމުގައެވެ.
ޗައިނާއާއި ރަޝިޔާގެ އިތުރުން ޖަރުމަނުންވެސްވަނީ އެމެރިކާ އިސްވެ އޮވެގެން ހުޅަނގުގެ ފަސްޤައުމަކުން ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ޢަސްކަރީ މަތިންދާ ބޯޓުތަކުންނާއި މިސައިލުން ރޭ ދޭންފެށި ޙަމަލާތަކުގައި ބައިވެރިނުވާކަން ހާމަކޮށްފައެވެ.
ޗައިނާއާއި ރަޝިޔާއަކީ ޢިރާޤާއި އަފްޣާނިސްތާނުގެ މައްސަލާގައިވެސް ބާރުގެ ބޭނުންކުރުމަށް ދެކޮޅު ހެދި ދެޤައުމެވެ. ގައްޒާފީގެ ބާރުތަކުގެ ކިބައިން ލީބިޔާގެ ޢާންމުން ޙިމާޔަތް ކުރުމަށްޓަކައި ލީބިޔާގެ މަތިން އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހުކުރު ދުވަހު ފާސްކުރި ޤަރާރާ ދެކޮޅަށް ވީޓޯ ނުކުރިނަމަވެސް ޗައިނާއާއި ރަޝިޔާއިން މި ޤަރާރާ އެއްކޮޅަށް ވޯޓު ދީފައެއްނުވެއެވެ.
މިދެޤައުމުން ބުނަނީ ގައްޒާފީގެ ބާރުތައް ލީބިޔާގެ ރައްޔިތުންނާ މެދު ޢަމަލުކުރަމުން ގެންދަނީ ކިތަންމެ އަނިޔާވެރި ގޮތަކަށް ނަމަވެސް ލީބިޔާއަށް ޙަމަލާ ދިނުމަކީ މިކަމުގެ ޙައްލުނޫންކަމުގައެވެ.
ވައިގެ މަގުން ޙަމަލާދީގެން ނޫނީ އެއްގަމު މަގުން އަރައިގަނެގެން އެތަށް އަހަރެއް ވީއިރުވެސް ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމަވެސް އެމެރިކާއަށާއި ހުޅަނގުގެ ބާރުތަކަށް ކާމިޔާބުވެފައި ނުވާ ކަމަށާއި އެމެރިކާގެ ވައިގެ ޙަމަލާތަކުގައި ޢިރާޤާއި އަފްޣާނިސްތާނުގައިވެސް ގިނައިން މަރުވެފައިވަނީ ކުށެއްނެތް ޢާންމުން ކަމުގައެވެ.
ޗައިނާއާއި ރަޝިޔާވަނީ ލީބިޔާގެ ޢާންމުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ހިންގަމުން ގެންދާ ޙަމަލާތައް ސަލާމަތީ މަޖިލީހުގައި ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ. ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ހުޅަނގުގެ ފަސް ޤައުމެއް ގުޅިގެން ބާރުގެ ބޭނުންކުރި މައްސަލާގައި ވެނެޒުއެލާއިންވެސްވަނީ ފާޑުކިޔާފައެވެ. ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް ވިދާޅުވީ އެމެރިކާފަދަ އިސްތިޢްމާރީ ވިސްނުން ގެންގުޅޭ ޤައުމެއްގެ ލަނޑުދަނޑިއާމެދު ސުވާލު އުފެދޭ ކަމުގައެވެ.
ގައްޒާފީގެ ކިބައިން ލީބިޔާގެ ރައްޔިތުން ޙިމާޔަތް ކުރުމަށްޓަކައި އަމިއްލަ އެދުމެއްނެތި އެމެރިކާ ހަރަކާތްތެރި ނުވާނެ ކަމަށާއި އެމެރިކާއާއި ޔޫރަޕްގެ އަމާޒަކީ ލީބިޔާގެ ތެލުގެ ޚަޒާނާއަށް އަތްގަދަކުރުން ކަމަށް ޝައްކުކުރާނެ ޖާގަ އެބައޮތް ކަމަށްވެސް ޗާވޭޒް ވިދާޅުވިއެވެ.
މުރާސިލުން ބުނާގޮތުގައި ގައްޒާފީގެ އަނިޔާވެރި ވެރިކަން ކުށްވެރިކުރާ ޤައުމުތަކުންވެސް އެމެރިކާއާ ބައިވެރިވެގެން ލީބިޔާއަށް ޙަމަލާދިނުމަށް ފަސްޖެހެއެވެ. ސަބަބަކީ ޢިރާޤަށާއި އަފްޣާނިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާ ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން ދުނިޔޭގައި އެމެރިކާގެ އަގުވެއްޓިފައިވާތީއެވެ.
އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ލީބިޔާގެ މައްސަލާގައި މާބޮޑަށް ހަރުކަށިކަން ނުދައްކަވަނީ އަނެއްކާވެސް އިސްލާމީ އިތުރު ޤައުމަކަށް އަރައިގަތުމުގެ ހުތުރުނަން އެމެރިކާގެ ބޮލުގައި އެޅިދާނެތީއެވެ. އޮބާމާ މަސައްކަތްކުރައްވަނީ ޢިރާޤާއި އަފްޣާނިސްތާނަށް އަރައިގަތް މައްސަލައިގެ ބަދުނާމްތަކާއި އެކަމުގެ ހުތުރުނަމުން އެމެރިކާ ސަލާމަތްވެ މުސްލިމުންގެ ރުހުން އަލުން ހޯއްދެވުމަށް ކަމަށްވާތީ ލީބިޔާއަށް ޙަމަލާދިނުމަށް އޮބާމާގެ ސަރުކާރުން ފަސްޖެހުނު ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
އަދި އެމެރިކާ އިސްވެ އޮވެގެން ލީބިޔާއަށް ޙަމަލާތައް ދިނުމުގެ ސަބަބުން ގައްޒާފީ ގެ އަނިޔާވެރިކަން ފޮރުވި އެމެރިކާ އަނެއްކާވެސް އަނިޔާވެރި ޤައުމެއްގެ ގޮތުގައި ފާޅުވެދާނެކަމުގެ ބިރު އޮބާމާ އިޙްސާސް ކުރައްވާކަމަށް މުރާސިލުން ބުނެއެވެ.
މުޙައްލިލުން ބުނާގޮތުގައި އެމެރިކާގެ އެންމެ ބޮޑު ބަލިފަޔަކީ ގައްޒާފީގެ އަނިޔާވެރިކަމުން ލީބިޔާގެ ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ކަމަށް ބުނާއިރު އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ކުރުމަށް އެމެރިކާ ދެކޮޅުހަދާ މައްސަލައެވެ.
ލީބިޔާއަށް ޙަމަލާދިން މައްސަލާގައި އޮބާމާ ވިދާޅުވީ ލީބިޔާއަށް ދިން ޙަމަލާތަކުގައި ގައްޒާފީގެ އަނިޔާވެރިކަމުން ލީބިޔާގެ އާންމުން ޙިމާޔަތްކުރުން ފިޔަވައި އެހެން އަމާޒެއް އެމެރިކާގެ ނެތްކަމުގައެވެ.
އަދި އެމެރިކާގެ ސިފައިން އެއްގަމު މަގުން ލީބިޔާއަށް ނުވަންނާނެ ކަމަށާއި ލީބިޔާގެ އާންމުން ޙިމާޔަތް ކުރަން ބޭނުންވާ ވަރަށްވުރެ ބޮޑު ބާރެއް ލީބިޔާއާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
އެމެރިކާއާއި ފަރަންސޭސިވިލާތުން ރޭގައިވަނީ ލީބިޔާގެ ގައްޒާފީގެ ބާރުތަކުގެ އެތަށް އަމާޒަކަށް ޢަސްކަރީ މަތިންދާ ބޯޓުތަކުންނާއި ކްރޫޒް މިސައިލުން ޙަމަލާތައް ދީފައެވެ. މިޙަމަލާތަކުގައި ލީބިޔާގެ 48 މީހަކު މަރުވި ކަމަށް ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ޓީވީ ން ބުނެއެވެ. (އަލްޖަޒީރާ)