މި އަހަރުގެ ގައުމީ އިނާމަށް 100 ފޯމު އަދި ހާއްސަ އިނާމަށް 55 ފޯމު ހުށަހަޅައިފި އެވެ.

އެ އިނާމްތަކަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އިރު ރައީސް އޮފީހުން ބުނީ އެފޯމުތައް ބެލުމުގެ މަސައްކަތް ގައުމީ އިނާމާ ބެހޭ ކޮމިޓީ އިންނާއި ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖްތަމައުގެ ލާބައާއި މަންފާއަށް ޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރީގެ ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ މަގުސަދުގައިދޭ އިނާމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ، ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމާއި، އިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިހުތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިސްރާބު ކުރުމުގެ މަގުސަދުގައިދޭ އިނާމެކެވެ.

ގައުމީ އިނާމާއި ހާއްސަ އިނާމު ދެއްވުން އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. އެޖަލްސާ އޮންނާނީ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8.30ގައި ދަރުބާރުގޭގަ އެވެ.