16 Sep 2015, 15:53
އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްޠަފާ މުޙައްމަދުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަކަރާއީ ހީލަތް ހެދުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އޭނާގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްދީފައިނުވާތީ ކަމަށެވެ.
ޚިޔާނާތުގެ ދައުވާގެ އިތުރުން ހައްޖަށް ދިޔުމަށް ފަތުހު ގްރޫޕަށް ފައިސާ ދެއްކި މީހުން ހައްޖަށް ގެންގޮސް ނުދިނުމުން ސަރުކާރުން އެ މީހުން ހައްޖަށް ފޮނުވަން ޚަރަދުގެ ގޮތުގައި ހިނގި 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުސްތަފާ އަތުން ހޯދުމަށް ވެސް ދައުލަތުން މިއަދު ވަނީ ކޯޓުގައި އެދިފައެވެ.
މުސްތަފާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސަރުކާރުން ދިން ކޯޓާ އަށް ވުރެ އިތުރަށް 72 މީހެއްގެ އަތުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު އޮޅުވާލައިގެން ނަގާފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ހޯދުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން މުސްތަފާ ނެގި ފައިސާގެ ޖުމްލަ އަދަދަކީ 10.7 މިލިއަން ރުފިޔާ އެވެ.
މުސްތަފާ މިއަދު ވަނީ އެ ދެ ދައުވާއަށް ވެސް އިންކާރުކޮށްފައެވެ. އޭނާ ވިދާޅުވީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެއްވެސް މީހެއްގެ އަތުން ފައިސާ އަތުލާފައިނުވާނެ ކަމަށެވެ.
މުސްތަފާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ފަތުހު ގްރޫޕްގެ ނަން ބޭނުންކޮށްފައިވުމުން އޭނާގެ ދިފާއީ ވަކީލު މިއަދު ވަނީ ދައުވާއާ މެދު ސުވާލުތަކެއް އުފައްދައިފައެވެ.
އެ މައްސަލާގައި މުސްތަފާގެ މައްޗަށް ފަރުދީގޮތުން ދައުވާ ކުރަނީ ކީއްވެގެންކަން ދެން އަންނަ ޝަރީއަތުގެ މަޖިލީހަކަށް ސާފުކޮށް ދިނުމަށް އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތަށް އަންގާފައެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލާގައި ފުލުހުން މުސްތަފާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ މުސްތަފާ ދޫކޮށްލާފަ އެވެ.
ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާ އަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައިނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި ވަނީ ހައްޖަށް ފޮނުވާފައެވެ.
ފައިސާ ދެއްކި މީހުންގެ ތެރެއިން 72 މީހަކު ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވިކަމެއް އަދި ނުފޮނުވާކަން ވެސް ކަށަވަރެއް ނުވެއެވެ.