16 Sep 2015, 15:40
އިންޑިއާގެ ޓްރިވެންޑްރަމްގައި އަންނަ ޑިސެމްބަރު މަހު ބާއްވާ މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ސާފް ސުޒުކީ ކަޕް 2015"ގެ ގްރޫޕް "ބީ"ގައި ރާއްޖެއާ އެއްފަޅިއެއްގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާނާއި، ބަންގުލަދޭޝް އަދި ބޫޓާން ލައްވައިލައިފި އެވެ.
މުބާރާތުގެ ގުރުނެގުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު، ޗެމްޕިއަން އަފްޣާނާއި އެންމެ ފަހުގެ ރަނަރަޕް އިންޑިއާ އޮތީ ދެ ގްރޫޕަށް ސީޑުކޮށްފައެވެ. މުބާރާތުގެ ގްރޫޕް "އޭ"ގައި އިންޑިއާ އޮތްއިރު އެ ގްރޫޕްގައި ދެން ހިމެނެނީ، ވާދަވެރި ޕާކިސްތާނާއި 2013 ވަނަ އަހަރު މުބާރާތް ބޭއްވި ގައުމު ކަމަށްވާ ނޭޕާލުގެ އިތުރުން ސްރީ ލަންކާއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭސްވި ސާފް ސުޒުކީ ކަޕް 2015ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ފޭސްބުކް
ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޑިސެންމްބަރު 24 ވަނަ ދުވަހު ނުކުންނާނީ ގްރޫޕްގައި ހިމެނޭ އެންމެ ބަލިކަށި ޓީމު ކަމަށްބެލެވޭ ބޫޓާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި 26 ވަނަ ދުވަހު ރާއްޖެ ކުރިމަތިލާނީ 2003 ވަނަ އަހަރުގެ ފައިނަލްގައި ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ހޯދި ބަންގުލަދޭޝް އާއެވެ. ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި 28 ވަނަ ދުވަހު ނުކުންނާނީ ޗެމްޕިއަން އަފްޣާނާ ދެކޮޅަށެވެ.
މިއީ މި މުބާރާތުގައި އަފްޣާން ވާދަކުރާ ފަހު އަހަރެވެ.
ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ސެމީ ފައިނަލް މެޗުތައް ކުޅޭނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ބޭސްވި ސާފް ސުޒުކީ ކަޕް 2015ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ފޭސްބުކް
ދެކުނު އޭޝިއާގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އިންޑިއާގައި ބާއްވާ މިއީ ތިންވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތް ކުޅުމަަށް ހަމަޖެހިފައި ވަނީ، ޓްރިވެންޑްރަމްގެ ގްރީންފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ. އިންޑިއާގައި މިހާރު އޮތް އެންމެ ހިތްގައިމު މި ސްޓޭޑިއަމަކީ 50،000 މީހުންގެ ޖާގައިގެ ތަނެކެވެ.
ޓްރިވެންޑްރަމަކީ ރާއްޖޭގެ ގިނަ ބަޔަކު ބޭސްފަރުވާއާއި އެނޫންވެސް އެކިއެކި ކަންކަމުގައި ވަރަށް ގިނައިން ގޮސްއުޅޭ އަދި އެ ސިޓީގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ތަނަކަށް ވުމުން މިފަހަރުގެ މުބާރާތް ބަލައިލުމަށް ދަނޑަށް ވަނުމުގެ ފުރުސަތު ދިވެހީންގެ ގިނަ ބަޔަކަށް ލިބޭނެއެވެ.

ސާފް ސުޒުކީ ކަޕް 2015ގެ މެޗު ޝެޑިއުލް --
ސާފް ޗެމްޕިއަންޝިޕްގެ ނަން ސާފް ސުޒުކީ ކަޕަށް ރީބްރޭންޑް ކުރުމަށް ފަހު ބާއްވާ މި މުބާރާތް ފަށާނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.