20 Mar 2011, 17:27
ބަންޑާރަ ނައިބު އޮފީހުގެ ވަކީލުންގެ މުސާރަ މިއަހަރުން ފެށިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބޮޑުކޮށްފި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑުކޮށްފައިވާކަން އެ އޮފީހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ބަންޑާރަ ނައިބު އޮފީހުގެ ޕާމަނަންޓް ސެކްރެޓްރީ މަރިޔަމް ޖަބީން މިއަދު ވިދާޅުވީ އެ އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑުކޮށްފައި ވަނީ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އަދި މުސާރަ ބޮޑު ކުރީ ކިހާ ވަރަކަށްތޯ ދެންނެވުމުން ޖަބީން ވިދާޅުވީ ވަކީލުންގެ މުސާރަ ބޮޑުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުންގެ މުސާރައާ އަޅާކިޔޭ ވަރަށް ކަމަށެވެ.
އޭޖީ އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑުކުރިކަން ސީއެސްސީ އިން ވަނީ މިއަދު ސާފުވާ ގޮތްނުވެފަ އެވެ. އެކަމަކު ބަންޑާރަ ނައިބު އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑު ކުރިތޯ ސާފު ކުރަން މީގެ ކުރިން ސީއެސްސީއަށް ސަން އޮންލައިނުން ގުޅުމުން އެ ކޮމިޝަނުން ބުނެފައި ވަނީ ވަކީލުންގެ މުސާރަ ބޮޑު ނުކުރާ ކަމަށާއި މުސާރަ "އެޖަސްޓް" ކުރީ ކަމަށެވެ.
މީގެ ކުރިން ބަންޑާރަ ނައިބު އޮފީހުގެ ވަކީލުންނަށް އާންމުކޮށް ލިބެނީ ނުވަ ވަރަކަށް ހާސް ރުފިޔާ އެވެ. އެކަމަކު މުސާރަ ބޮޑު ކުރުމުން މިހާރު އެކި ލެވެލްގެ ވަކީލުންނަށް 15،000ރ. އާއި 18،000ރ. އާއި ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ ކަމަށް އެނގިފައިވެ އެވެ.