މީހަކަށް ހައްގު އަދަބު ދިނޭ ކިޔާފަ ދިވެހި ރާއްޖެއާ މެދު ފިޔަވަޅު އެޅިގެން ނުވާނެ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅު އަޅަނީ ސުލްހަމަސަލަސްކަން ގެއްލިގެން ދާ ފަދަ ދަނޑިވަޅެއްގައި ނޫނީ ވަކި ސިޔާސަތަކާ ދެކޮޅަށް ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ގާނޫނީ ދާއިރާއިން އެހީތެރިކަން ދިނުމަށް ހަވާލުވެފައިވާ ޝެރީ ބްލެއާ މިހެން ވިދާޅުވީ އެކަމަނާގެ އޮމްނިއާ ސްޓްރެޓެޖީ އާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

މި ބަޔާނުގައި ޝެރީ ވަނީ ކުރީގެ ރައީސް، ނަޝީދަށް ކޮށްފައިވާ ހުކުމުގެ ބަދަލުގައި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމަކީ އިންސާފެއް ނޫން ކަމަށް ބުނެ ނަޝީދުގެ ގާނޫނީ ޓީމަށް ރައްދު ދެއްވައިފަ އެވެ.

"ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން އެއީ ކޮށްގެން ނުވާނެ، އެއްވެސް އިންސާފެއް ނެތް ކަމެއް. މީހަކަށް ހައްގު އަދަބު ދިނޭ ކިޔާފަ ދިވެހިރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅިގެން ނުވާނެ. ދަތިކުރުމުގެ ފިޔަވަޅު އަޅަނީ ސުލްހަ މަސަލަސްކަން ގެއްލިގެން ދާ ފަދަ ދަނޑިވަޅެއްގައި ނޫނީ ވަކި ސިޔާސަތަކާ ދެކޮޅަށް. އެއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމަށް ބާރުއަޅަން ކުރާ ކަމެއް. ވަކި މީހަކާ ގުޅިގެން އެފަދަ ފިޔަވަޅުތަކެއް އެޅިގެން ނުވާނެ. މީގެ އިތުރުން މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ." ޝެރީ ވިދާޅުވި އެވެ.

މި ބަޔާނުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޯޓުތަކުން ގާނޫނު ނަގަހައްޓަން މަސައްކަތް ކުރަމުންދާތަން ސާފުކޮށް ފެންނަމުން އަންނަ ދަނޑިވަޅެއްގައި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިންޒާރު ދިނުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.

"ބައިނަލްއަގުވާމީ މުޖުތަމައު އިން ހައްގު ގޮތުގައި ފާޑުކިޔުން އެއީ ލިބިފައިވާ ހައްގެއް ކަމުގައި ވިޔަސް މިކަން ކުރާނީ ކޯޓުތަކުން. މައްސަލަ ޖެހިފައިވާ ކަންތައް މިއީ ވަކި ގާނޫނީ އުސޫލެއްގެ މަތިން ކުރިއަށް ދާ ކަމެއް،" ދުންޔާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވާ ގޮތުގައި ސަރުކާރުންވަނީ އެ ޝެރީ ބްލެއާގެ ލޯ ފާމަށް، "ރާއްޖޭގައި އުފެދިފައިވާ ދިމިކްރާތީ އަދި ގާނޫނީ މަރުކަޒުތައް މުރާޖައާކޮށް، ބޭނުންވެއްޖެ ހާލަތެއްގައި، ސަރުކާރުގެ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި އާ މަރުކަޒުތަކެއް ތަރައްގީކުރުމަށް އެހީތެރިވުމަށް" އިރުޝާދު ދީފައެެވެ.

އެ ބަޔާނުގައި ވާ ގޮތުގައި ސަރުކާރު އޮތީ އެންމެނަށްވެސް ހަމަހަމަ ދެފުށްފެންނަ ގާނޫނީ ނިޒާމެއް ކުރިއެރުވުމަށް ތައްޔާރަށެވެ.

ޓެރަރިޒަމް ގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ދާދި ފަހުން ރާއްޖެ އައިސް ނަޝީދު އާއި ބައްދަލު ކުރައްވާފައެވެ. އެ ޓީމުގައި ހިމެނެނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރައްވާ އަދި ފިލްމީތަރި ޖޯޖް ކްލޫނީގެ އަންހެނުން އަމާލް ކްލޫނީގެ އިތުރުން ގާނޫނީ ވަކީލް ޖެރަޑް ޖެންސާ އެވެ.

އެ ދެ ބޭފުޅުން ވަނީ ނަޝީދު މިނިވަން ކުރުމަށް ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.