މީގެ 48 އަހަރުކުރިން ވޯލްޓް ޑިޒްނީން ހެދި އެނިމޭޓެޑް ފިލްމު "ދަ ޖަންގަލް ބުކް" ގެ މައްޗަށް ހަދާ ރީމޭކްގެ ފުރަތަމަ ރަސްމީ ޓްރެއިލާ ރިލީޒް ކޮށްފި އެވެ.

"އަޔަން މޭން"ގެ ފުރަތަމަ ދެ ފިލްމު ޑައިރެކްޓްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ދަ އެވެންޖާސް"ގެ އެގްޒެކެޓިވް ޕްރޮޑިއުސަރު، ޖޮން ފެވްރައު ޑައިރެކްޓުކުރާ އެ ފިލްމުގެ ޓްރެއިލާ ޑިޒްނީން ރިލީޒް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ގިނަ ބަޔަކު އިންތިޒާރުކުރާ އެ ފިލްމުގެ ފުރަތަމަ ޓީޒާ ރިލީޒް ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހު އޮތް ޑީ23 ކޮންވެންޝަންގައެވެ.

ފިލްމުގެ ޑައިރެކްޓަރު ފެވްރައު ބުނާގޮތުން، އެ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް މީގެ ދެ އަހަރު ކުރިން ފަށާފައިވާއިރު، ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ ޑައުންޓައުން ލޮސް އެންޖަލިސްގައެވެ.

ފިލްމުގެ ބޮޑުބައެއް ކޮމްޕިއުޓާ ޖެނެރޭޓެޑް އިމޭޖަނަރީ (ސީޖީއައި) ބޭނުންކޮށްގެން އުފައްދާ އެ ފިލްމުގައި ހަމައެކަނި ލައިވް އެކްޝަން ކެރެކްޓާއަކަށް އުޅޭނީ، މޯގްލީ ނަމަކަށް ކިޔާ ކުޑަ ފިރިހެން ކުއްޖާއެވެ. އެކުއްޖާގެ ބައި ކުޅޭނީ ނީލް ސެތީ ނަމަކަށްކިޔާ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ކުއްޖެކެވެ.

ފިލްމުގައި މޯގްލީއަށް ޖަންގަލި ތެރޭގައި އެހީވާ ދެ ޖަނަވާރުންގެ ތެރެއިން ބްލެކް ޕެންތާއެއް ކަމަށްވާ ބަގީރާ އަށް، އޮސްކާ ހޯދާފައިވާ އެކްޓަރު ބެން ކިންގްސްލީ އަޑުއަޅާފައިވާއިރު، ބަލޫ ނަމަކަށް ކިޔާ ސާރިދޯޅަށް އަޑު އަޅާފައިވަނީ އެކްޓަރު އަދި ކޮމޭޑިއަން ބިލް މަރީ އެވެ.

މީގެ އިތުރުން، ޕައިތަން ކާ އަށް ސްކާލެޓް ޖޮހެންސަން އަޑު އަޅާދީފައިވާއިރު، މޯގްލީގެ ފަހަތުން އުޅޭ ނުބައިބައި މިނިކާވަގު، ޝިރް ޚާން އަށް އަޑުއަޅާދީފައިވަނީ އިދްރީސް އެލްބާ އެވެ. އަދި ފިލްމުގައި އުޅޭ ކިންގް ލުއީ ކިޔާ އޮރަންގުޓަން އަށް އަޑު އަޅާދީފައިވަނީ ކްރިސްޓަފާ ވޮލްކެންނެވެ.

އިނގިރޭސި ކުރު ވާހަކަ ލިޔުންތެރިޔާ ރުޑްޔާޑް ކިޕްލިންގް 1894 ވަނަ އަހަރު ލިޔެ ޕަބްލިޝްކޮށްފައިވާ "ދަ ޖަންގަލް ބުކް"ގެ ވާހަކައިގެ މައްޗަށް ހަމަ އެނަމުގައި ޑިޒްނީން އެންމެ ފުރަތަމަ ފިލްމެއް ހަދާފައިވަނީ 1967 ވަނަ އަހަރު އެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހުގެ 15 ގައި ތްރީޑީ ކޮށް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ދަ ޖަންގަލް ބުކް"ގެ އެންމެ ފަހު ފިލްމަކީ އަސްލު ވާހަކައިގެ މައްޗަށް ޑިޒްނީން ތައްޔާރުކުރާ ދެވަނަ ލައިވް- އެކްޝަން ފިލްމެވެ.

މައުލޫމާތު: ޑެޑްލައިން، ވެރައިޓީ އަދި ނޫސް އެޖެންސީތައް