16 Sep 2015, 13:46
ބޭންކުގައި ކަސްޓަމަރު ހުޅުވާފައިވާ އެކައުންޓުން އެ އެކައުންޓު ހުޅުވި ބާވަތުގެ ފައިސާ ނޫން އެހެން ބާވަތެއްގެ ފައިސާ އެކައުންޓުގެ ވެރިފަރާތުގެ ނުރުހުމުގައި ދޫނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ޅ. ޖުވެނައިލްގެ މައްޗަށް ދައުވާކޮށްފައިވާ އިސްތިއުނާފު މައްސަލައިގެ ހުކުމްގަ އެވެ.
ހައިކޯޓުން ވަނީ ނައިފަރު ކޯޓުން ނައިފަރު ޖުވެނައިލްއާ އެއްކޮޅަށް ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ. ނައިފަރު ޖުވެނައިލް އިން ނައިފަރު ކޯޓަށް މައްސަލަ ހުށަހެޅީ އެ ޖަމްއިއްޔާ އިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުން ޑޮލަރު ދޫކުރުމަށް ބޭންކުން އިންކާރުކުރުމުންނެވެ.
ނައިފަރު ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ ކަސްޓަމަރަކު އޭނާގެ އެކައުންޓަކުން ފައިސާ ނަގަން ހުށަހަޅައިފި ނަމަ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ކަސްޓަމަރަކު އެދޭ މިންވަރަށް ފައިސާ ދިނުމަކީ ބޭންކަށް ލާޒިމްވާނެ ކަމެއް ކަމަށެވެ.
އެ ހުކުމްގައި ވަނީ ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާތައް ވިޔަފާރީގެ ބޭނުމަށް ބޭންކުން ބޭނުންކުރަން ގާނޫނު ހުއްދަ ކުރުމަކީ ކަސްޓަމަރު އެ ފައިސާ ހޯދަން އެދޭ ހާލަތުގައި ފައިސާ ނުދީ ހިފެހެއްޓޭނެ ސަބަބެއް ނޫން ކަމަށެވެ.
"ކަސްޓަމަރު އިންކާރުކުރާ ހާލަތުގައި ވެސް ބޭނުން ކޮންމެ ފައިސާއަކަށް ބަދަލުކޮށްދިނުމުގެ އިޚްތިޔާރު ބޭންކަށް ދެވިފައިވާ ނަމަ އެއީ އެކައުންޓް ހުޅުވި ފަރާތުން ބޭނުންނުވާ ފައިސާ ދޫކުރުމުގެ ބާރު އެކައުންޓުގެ ވެރި ފަރާތުގެ ނުގަބޫލުގައި ބޭންކަށް ލިބި ދިނުން ކަމަށް ގަބޫލުކުރެވޭ ކަމާއި އެކަމަކީ ވަކި ފައިސާއަކުން މުއާމަލާތް ކުރުމުގެ މަގްސަދުގައި އެ ފައިސާއިން އެކައުންޓް ހުޅުވާފައިވާ ކަސްޓަމަރުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކުރެވޭ ކަމެއް ކަމުގައި ނޫނީ ނުވާނެ،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ވަނީ ކަސްޓަރަކު ޗެކުމެދުވެރިކޮށް ފައިސާ ނަގަން ހުށަހަޅާ އިރު، ޗެކުގައި ފުރިހަމަވާން ޖެހޭ ޝަރުތުރު ފުރިހަމަވެފައި އަދި އެ ކައުންޓުގައި ފައިސާ ހުރިނަމަ އެ ޗެކަށް ފައިސާ ދޫކުރުމަކީ ބޭންކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
ނައިފަރު ޖުވެނައިލްގެ ޑޮލަރު އެކައުންޓުން ފައިސާ ދޫކުރި ސަބަބު ލިޔުމުން އެ ޖަމްއިއްޔާއަށް ދިނުމަށް ބީއެމްއެލް އިން ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން ކަނޑައަޅާފައި ވަނީ ކަސްޓަމަރު އެދިއްޖެ ނަމަ ފައިސާ ދޫނުކުރި ސަބަބު ބަޔާންކޮށް ލިޔުމެއް ދޫކުރުމަކީ ބޭންކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
އެ ހުކުމް ކޮށްފައި ވަނީ ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.