އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވީއެސްއީކޮމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 51 ވަނަ ބޭސިކް އޭވިއޭޝަން ސެކިއުރިޓީ ކޯހުގެ 13 ބައިވެރިން ދަސްވެނި ވެއްޖެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ ކޯހުގައި 13 ފަރާތަކުން ބައިވެރިވެފައިވާ އިރު އެއިން 10 ބައިވެރިންނަކީ ފިރިހެނުންނެވެ.

ޖުމްލަ 70 ގަޑިއިރުގެ ޓްރެއިނިން ކޯސް އެއް މަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ އިރު އެ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 16 އިން މިއަދުގެ ނިޔަލަށެވެ.

އޭވީއެސްއީކޮމް އިން ކުރިއަށްގެންދާ އެ ކޯހުގެ ބޭނުމަކީ ވައިގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގަބޫލު ކުރާ ފެންވަރަށް އެ ދާއިރާގެ މީހުން ތަމްރީނު ކުރުމަށް ކަމަށް އެ ކޮމާންޑުން ވަނީ ބުނެފަ އެވެ.

ޖުމްލަ 14 މޮޑިއުލް އަކަށް ބަހާލައިގެން ބޭއްވި އެ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ގިރިފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގަ އެވެ. އެގޮތުން ގިރިފުށީގައި އެ ކޯހުގެ ޓްރެއިނިިން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 17 އިން ފެށިގެން 24 އަށެވެ.

އެ ކޯހުގައި ސަރަހައްދުތަކަށް ވަދެ ނުކުންނަ ގޮތާއި މީހުން ބަލައި ފާސް ކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފަ އެވެ. އެއާ އެކު ދަބަސްތައް ޗެކު ކުރާނެ ގޮތާއި ޕެޓްރޯލު ކުރާނެ ގޮތްތައްވެސް އެ ކޯހުގައި ވަނީ ދަސްކޮށްދީފަ އެވެ.

އަމަލީ ޓްރެއިނިންތަކުގެ އިތުރުން އެ ކޯހުގައި ވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެއާ އެކު މަސައްކަތުގެ މާހައުލަށް ޝައުގުވެރިކަން އުފައްދައި ލީޑަޝިޕް ވަރުގަދަ ކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ އެ ކޯހުގެ ތެރެއިން ކުރިއަށް ގެންގޮސްފަ އެވެ.