16 Sep 2015, 14:11
ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ތިން ލަނޑާއެކު 4-0 ގެ ނަތީޖާއަކުން ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކް އަތުން މޮޅުވެ ރެއާލް މެޑްރިޑް މިސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގްރޫޕް "އޭ"ގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ތިން ލަނޑުވެސް ފަހު ހާފްގައި ފެނިގެން ދިޔައިރު އޭގެ ތެރޭން ދެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީންނެވެ. ރޮނާލްޑޯގެ މި ތިން ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ޖުމުލަ 80 ލަނޑު ކާމިޔާބުކޮށް އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި މެސީ އަށްވުރެ އިތުރަށް ތިން ތިންލަޑުގެ ކުރިއެރުމެއް ހޯދައިފައެވެ.
ރެއާލުން 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރާން ކުރިމަތިލާފައި ވާއިރު ރޭގެ މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 30 ވަނަ މިނިޓްގައި ކަރިމް ބެންޒެމާއެވެ. އަދި ރޮނާލްޑޯ އޭނާގެ ފުރަތަމަ ލަނޑު 55 ވަނަ މިނިޓްގައި ކާމިރާބުކޮށް އަނެއް ދެ ލަނޑު ކާމިޔާބުކުރީ 63 އަދި 81 ވަނަ މިނިޓްގައި ޕެނަލްޓީން ނެވެ. މި ތިން ލަނޑާއެކު އޭނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރޮނާލްޑޯ ވަނީ ޖުމުލަ 8 ލަނޑު ޖަހައިފައެވެ.
މި މެޗުގައި ރެއާލަށް އެންމެ ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 32 ވަނަ މިނިޓްގައި އެޓީމުގެ ވޭލްސް ފޯވާޑް ގެރެތު ބޭލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ދޫކޮށް ދަނޑުން ފައިބާން ޖެހުމުންނެވެ. އަދި އޭގެ ފަހުން ރަފައެލް ވަރާނޭއާއި ސާޖިއޯ ރާމޯސް ވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް "އޭ"ގައި ރޭ ކުޅުނު އަނެއް މެޗުގައި ވާދަކުރީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ސްވިޑްންގެ މަލްމޯ އެފްސީއެވެ. އެ މެޗުގެ 2-0 އިން ކާމިޔާކުރީ ޕީއެސްޖީއެވެ. ޕީއެސްޖީއަށް ލަނޑުތައް ޖަހައިދިނީ، މެޗުގެ 4 ވަނަ މިނިޓްގައި އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އަންހެލް ޑި މަރިއާ އާއި 61 ވަނަ މިނިޓްގައި އުރުގުއޭ ފޯވާޑް އެޑިސަން ކަވާނީއެވެ.
ރޭ ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާއިރު ގްރޫޕް ސީގައި އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-0 އިން ގަލަތަސަރާއީ މައްޗަށް ކުރި ހޯދައިފައެވެ. އަދި ހަމަ އެ ގްރޫޕްގައި ހިމެނޭ އެފްސީ އަސްޓަނާގެ މައްޗަށް ބެންފިކާވެސް ވަނީ 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.