16 Sep 2015, 15:45
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކުގައި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ބޭނުންކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އެއްވަޔަރްމެންޓް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމަށް މާބުލް ހޮޓަލުގައި މިއަދު ބޭއްވި ޖަލްސާއެއްގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަބުދުލް މަތީން މުޙައްމަދެވެ. އަދި ކޫއްޑޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް އިބުރާހީމް އަޒްހާނެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކޮށްގެން ހާސިލުކުރެވޭ ބެޖެއް ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން މިއަދުގެ ޖަލްސާގައި ވަނީ ތައާރަފްކޮށްފަ އެވެ. އެ ބެޖް ތައާރަފްކޮށްދެއްވީ ސްކައުޓް ކަމިޝަނަރް ޙުސައިން ޢަބުދުﷲ އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބުދުލް މަތީން މުޙައްމަދެވެ.
އޯޒޯން ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އެންވަޔްމެންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އިސްވެރިންނާއި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ކޯޑިނޭޓަރު ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބުދުލް މަތީން މުޙައްމަދު ވިދާޅުވީ އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް މީގެ 30 އަހަރު ކުރިން މަސައްކަތް ފެށި ފަހުން މުޅި ދުނިޔެއާއި ރާއްޖޭގައި އެކަމާ ބެހޭ މަސައްކަތްތައް ހިނގާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.