ރައީސުލްޖުމްހޫރިއްޔާ ވަޒީރުކަމަށް އަލަށް އައްޔަން ކުރައްވާފައިވާ ފަސް ވަޒީރުންގެ ތެރެއިން ދެ ވަޒީރަކަށް ރުހުންދީ އަނެއް ތިން ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޮންނަ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި ޑީއާރުޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ތްރީލައިން ވިޕް އިއުލާން ކުރައްވަމުން މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަސްމީން މިއަދު ވިދާޅުވީ ޑރ. އަހްމަދު އަލީ ސަވާދު ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރެއްވުމަށާއި ހޯމް މިނިސްޓަރަކަށް ހަސަން އަފީފް އައްޔަންކުރެއްވުމަށާއި އަދި ޓްރޯންސްޕޯޓް މިނިސްޓަރަކަށް އާދިލް ސަލީމް އައްޔަން ކުރެއްވުމަށް ރުހުން ނުދޭނެ ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު ކަމަށް މަރިޔަމް ޒުލްފާ އައްޔަން ކުރެއްވުމަށާއި އަދި އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޝިފާ މުހަންމަދު އައްޔަން ކުރުމަށް ރުހުން ދޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕާލިމެންޓްރީ ގުރޫޕުން ނިންމާފައި ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން ތްރީލައިން ވިޕް ނެރުމަށް،" ސަވާދަށާއި އާދިލަށް އަދި އަފީފަށް ރުހުން ނުދޭން ނިންމިކަން އިއުލާން ކުރައްވަމުން ތަސްމީން ވިދާޅުވި އެވެ.

ޑރ. ސަވާދަށް ރުހުން ނުދޭން ނިންމީ އެއީ މަޖިލީހުން ރުހުން ނުދިން ބޭފުޅަކަށް ވުމުން ކަމަށާއި "އެއީ މަޖިލީހުގެ ވިސްނުމާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންފުޅަކަށް" ވާތީ ކަމަށެވެ. އަދި އާދިލާއި އަފީފަށް ރުހުން ނުދޭ ނިންމީ އެ ދެ ބޭފުޅުންގެ ވެސް ރެކޯޓުތަކަށް ބެލުމަށް ފަހު ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"ހަސަން އަފީފަކީ ވެސް ތާރީހެއް އޮތް ބޭފުޅެއް. ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކައުންސިލްތަކާ ބާރުތަށް ހަވާލުކުރުމުގައި ކަންތައްތައް ކުރައްވާފައި ވަނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނުނީ އިމުން ބޭރުން އަދި ފުލުހުންގެ ބޭނުންކުރައްވައިގެން ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް މަސައްކަތް [ކުރެއްވުން] އެއީ އެ މަގާމުގައި ހުންނަވާ ބޭފުޅެއްގައި ހުންނަން ޖެހޭނެ ސިފައެއް ކަމަކަށް ގަބޫލެއް ނުކުރަން. އާދިލް ސަލީމަކީ ވެސް ރެކޯޑެއް އޮތް ބޭފުޅެއް،" ތަސްމީން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ވ. އަތޮޅުގައި ރައީސް ނަޝީދާ އެކު ސިއްރު ބައްދަލުވުމެއް ބޭއްވިންތޯ ސުވާލުދެންނެވުމުން ތަސްމީން ވަނީ ބައްދަލުކުރެއްވި ކަންވެސް ނުވަތަ ނޫން ކަން ވިދާޅުވުމަށް ދެކޮޅުހައްދަވައިފަ އެވެ.

އެ ސުވާލަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ތަސްމީން ދެއްވީ ހަމަ ކުރިން ވެސް ދެއްވާ ޖަވާބެވެ.

"ރައީސް ނަޝީދާ ކޮންމެ ހާލަތެއްގައި ބައްދަލު ކުރުމަކީ ވެސް އަޅުގަނޑު ކުރާނެ ކަމެއް. މިރޭ ވެސް ހަމަ [ރައީސް] ގުޅުއްވާލައްވާފައި އަލިމަތާ އަށް ބައްދަލުކޮށްލަން ދާށޭ ވިދާޅުވިއަސް ދާނަން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ އޭނާއާ ދޭތެރޭ ބަޔަކު ވަކި ހާއްސަ ގޮތަކަށް ދެކޭތީ އެ ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި ތަކުރާރުކޮށް ނޫސްވެރިން އެ ސުވާލުކުރަން ފެށުމުން ތަސްމީން ވަނީ އެ ސުވާލުތަކަށް ޖަވާބު ނުދެއްވައި "ޝުކުރިއްޔާ" އޭ ވިދާޅުވެ މަޖިލިސް ތެރެއަށް ވެދެވަޑައިގެންފަ އެވެ.