16 Sep 2015, 12:56
މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޮވަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، މިދިޔަ ސީޒަންގެ ރަނަރަޕް އިޓަލީގެ ޔުވެންޓަސް އަތުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތައް ރޭ ފަށާފައިވާއިރު، ގްރޫޕް "ބީ"ގައި ޕީއެސްވީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކަމުންދިޔަ ޔުނައިޓެޑަށް އުނދަގޫތަކެއް ކުރިމަތިވީ 14 ވަނަ މިނިޓްގައި އެޓީމުގެ ލޫކް ޝޯވްއަށް ޕީއެސްވީގެ ހެކްޓާ މޮރޭނޯ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޝޯގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ބާލަން ޖެހުމުންނެވެ. 10 ވަރަކަށް މިނިޓަށް ކުޅުން މެދުކެނޑުމަށް ފަހު ޝޯގެ ބަދަލުގައި ކުޅެންއެރި މާކޯސް ރޯހޯ ކުޅެން ނުކުމެ މެޗުގެ ކުޅުން ކުރިއަށް ގޮސް ފުރަތަމަ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. އެޓީމަށް 41 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ މެމްފިސް ޑިޕާއީ އެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރީން މެޗުގެ 45 ވަނަ މިނިޓްގައި ޕީއެސްވީގެ މޮރޭނޯ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ޔުނައިޓެޑްކޮޅަށް ޕީއެސްވީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ، 57 ވަނަ މިނިޓްގައި ލޫސިއާނޯ ނާސިންއެވެ.
މި ސީޒަންގައި ލުއިސް ވެން ހާލްގެ ޔުނައިޓެޑް މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އެޓީމުން ޕީއެސްވީ ގޯލަށް 17 ހަމަލާ އުފެއްދި ނަމަވެސް ލަނޑަކަށް ބަދަލުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. ޕީއެސްވީ އިން ދެ ލަނޑު ކާމިޔާބުކުރި އިރު އެޓީމަަށް ޔުނައިޓެޑް ގޯލަށް ފޮނުވާލެވުނީ އެންމެ ހަ ހަމަލާއެވެ.
ގްރޫޕް ބީގައި ރޭ ކުޅުނު އަނެއް މެޗުގައި ޖަރުމަނުގެ ވުލްވްސްބާގް ވަނީ ރަޝިއާގެ ސީއެސްކޭއޭ އަތުން 1-0 ލަނޑުން މޮޅުވެފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑަށްފަހު ޔުވެންޓަސް ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: ބީބީސީ
ޗެމްޕިއަންސް ލީގުގެ ގްރޫޕް "ޑީ"ގައި ވާދަކުރާ އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ޔުވެންޓަސް އަތުން ބަލިވީ ވެސް 2-1 ލަނޑުންނެވެ.
މި މުބާރާތުގައި އަދި މިހާތަނަށް ރަނގަޅު ކާމިޔާބެއް ހާސިލްކުރެވިފައި ނުވާ، ސިޓީއަށް މެޗުގެ ލީޑު ލިބުނީ ދެވަނަ ހާފް ފަށައިގެން 57 ވަނަ މިނިޓްގައި ޔުވެސްޓަސްގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލިނީ އަތުން ބައިކޮޅަށް ލަނޑެއް ވަދެގެންނެވެ.
ސިޓީއަށް ލީޑު ލިބުނު ނަމަވެސް ޔުވެންޓަސްއިން ހިތްވަރާއެކު މޮޅު ކުޅުމެއް ދައްކައި މެޗުގެ 70 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ލަނޑު ޖަހައިދިނީ މާރިއޯ މަންޑްޒްކިޗް އެވެ. އަދި އޭގެ 11 މިނިޓް ފަހުން އަލްވާރޯ މޮރާޓާއެވެ.
މެޗުގައި ސިޓީކޮޅަށް ނަތީޖާ ބަދަލުކޮށްލަން އެޓީމުގެ ރަހީމް ސްޓާލިންއަށް ރަނުގެ ދެ ފުރުސަތެއް ލިބިގެން ދިޔަނަމަވެސް މެނުއަލް ޕެލެގްރިނީގެ ޓީމަށް ޖެހުނީ ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ހިތްދަތި ބައްޔަކާ ކުރިމަތިލާށެވެ.
ގްރޫޕް ޑީގައި ރޭ ރަޝިއާގެ ބޮރޫޝާ މޮންޗެންގްލަބަޗްއާ ވާދަކޮށް ސްޕެއިންގެ ސެވިއްޔާ ވަނީ 3-0 އިން މޮޅުވެފައެވެ.