ޒިމްބާބްވޭ ގެ ރައީސް ރޮބާޓް މުގާބޭ އަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އާ ދައުރެއް ހުޅުވުމުގެ ރަސްމިއްޔާތުގައި އޮޅިގެން މީގެ މަހެއް ކުރިން ދެވިފައިވާ ތަޤުރީރެއް ދެވިއްޖެއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި 91 އަހަރުގެ މުގާބޭ މިދިޔަ އަންގާރަ ދުވަހު މަޖިލީހާ މުހާތަބުކޮށް 25 މިނިޓަށް ދިގުދެމިގެން ދިޔަ އެ ތަޤުރީރު ފެށިގެން ނިމެންދެން ކީ އިރު ވެސް އެއީ އޭނާ މީގެ މަހެއް ކުރިން ކުރިވެސް ދީފައިވާ ތަޤުރީރެއް ކަމެއް ނަގައެއް ނުގަނެވެއެވެ.

ރައީސްގެ ތަރުޖަމާނު ޖޯޖް ޗަރަމްބާ ބުނިގޮތުގައި އެކަން ހިނގައިދިޔައީ ރައީސްގެ ސެކްރެޓޭރިއަލް އޮފީހުން ތަޤުރީރުތައް އޮޅުވައިލެވުމުންނެވެ.

އެފްރިކާގެ އެންމެ ދުވަސްވީ ރައީސް ކަމުގައިވާ މުގާބޭ ވަނީ މިއަހަރު ކުރީކޮޅު ޕޯޑިއަމް އަކުން ވެއްޓިފައެވެ. އޭނާ އަށް މާބޮޑު އަނިޔާއެއް ނުވި ކަމުގައި ވިޔަސް އާނާ ވެއްޓޭތަން ދައްކުވައިދޭ ވީޑިޔޯ ވަނީ ސޯޝަލް މީޑިޔާ ތެރޭގައި ވަރަށް ބާރަށް ހިނގާފަ އެވެ.

ޒިމްބާބުވޭގެ މަޖިލިސް އާ ދައުރަކަށް ފެށިގެން ދިޔަ އިރު އިދިކޮޅު މެމްބަރުންނަށް ވަނީ ތަޤުރީރު ތެރޭގައި މުގާބޭ އާއި އިދިކޮޅު ޝުއޫރު ފާޅު ކޮށްފިނަމަ މަރާލާނެކަމަށް ބުނެ އިންޒާރުގެ މެސެޖުތައް ލިބިފައެވެ.

މިދިޔަ މަހު މުގާބޭ ތަޤުރީރު ކުރި އިރު އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލިސް ތެރޭ ނުރުހުން ފާޅު ކޮށް ލަވަ ކިޔައި ހަދައިފައެވެ. އަންގާރަ ދުވަހުގެ ތަޤުރީރަކީ އޭގެ މަހެއް ކުރިންވެސް ދިން ތަޤުރީރެއް ކަން އެނގުނު ނަމަވެސް އިދިކޮޅު ފަރާތްތަކުން އެއްވެސް އެއްޗެކޭ ނުބުނެ ހަނު ތިބިއިރު ސަރުކާރު ޕާޓީގެ މެމްބަރުން ވަނީ ތަރުހީބު ދީފައެވެ.