16 Sep 2015, 11:49
ސޯޝަލް މީޑިޔާ ވެބްސައިޓް ފޭސްބުކް އަށް "ޑިސްލައިކް" ބަޓަން އެއް ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފޭސްބުކް ގެ ބާނީ މާކް ޒަކަބާރގް ބުނެފިއެވެ.
ކެލެފޯނިޔާ ގައި ބިނާކުރެވިފައިވާ ފޭސްބުކްގެ މަރުކަޒީ ބިނާގައި އޮތް ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަދައްކަމުން މާކް ބުނިގޮތުގައި "ޑިސްލައިކް" ބަޓަނެއްގެ ސަބަބުން މީހުންނަށް އެމީހުންގެ އިހުސާސްތައް ފާޅުކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.
އޭނާ ބުނި ގޮތުގައި ފޭސްބުކް އިން ވަރަށް އަވަހަށް އާ "ޑިސްލައިކް" ބަޓަން ޓެސްޓު ކުރަން ފަށާނެ އެވެ.
"ޑިސްލައިކް" ބަޓަން އެއް ތަޢާރަފު ކުރުމަކީ 2009 ވަނަ އަހަރު "ލައިކް" ބަޓަން ތަޢާރަފު ވުމާއެކު ވަރަށް ގިނަ މީހުން އެދެމުން ދިޔަ ކަމެކެވެ.
"މީހުން "ޑިސްލައިކް" ބަޓަން އެއްގެ ވާހަކަ ކިޔަމުންދާތާ އެތައް އަހަރެއް ވެއްޖެ،" މާކް ބުންޏެވެ.
"ލަފާކުރެވޭގޮތުގައި އެތައް ސަތޭކަ މީހުނެއް ވަނީ އޭގެ ވާހަކަ ދައްކައިފަ. މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. ސަބަބަކީ މިއަދު އަހަންނަށް ބުނެވެން އެބައޮތް އަހަރުމެން މިކަމަށް އެބަ މަސައްކަތް ކުރަމޭ އަދި ޓެސްޓު ކުރުމުގެ ހަރުފަތާ ވަރަށް ކައިރި ވެއްޖެ އޭ."
"ޑިސްލައިކް" ބަޓަން އެއް ތަޢާރަފު ކުރުމާ ދެކޮޅު މީހުން ވަނީ އެފަދަ ބަޓަން އެއްގެ ސަބަބުން މީހުންނަށް ބުލީ ކުރުން އިތުރުވެދާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް މާކް ބުނިގޮތުގައި "ޑިސްލައިކް" ބަޓަން ބޭނުންކޮށް މީހުން ކުރާ ޕޯސްޓުތަކަށް "ތަމްބްސް ޑައުން" އެއް ދީ މަލާމަތް ކުރުން ބޭނުން ނުވާ ކަމުގައެވެ. އަދި "ޑިސްލައިކް" ބަޓަން އެއް ތައާރަފު ކުރަން ޖެހުނީ ހިތާމަވެރި ޕޯސްޓުތަކަށްވެސް "ލައިކް" ޖަހަން ޖެހުމުން ދިމާވާ މައްސަލަ ހައްލު ކުރުމަށެވެ.