16 Sep 2015, 11:28
ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީން ހޯދައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން 14 ބިދޭސީއެއް އެމީހުންގެ ގައުމަށް ފޮނުވާލައިފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް މިއަދު 'ސަން' އަށް ވިދާޅުވީ، ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 34 ބިދޭސީންގެ ތެރެއިން 14 ބިދޭސީއެއް ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
އެމީހުން ގައުމަށް ފޮނުވާލަނީ ކަމަށާއި ޑީޕޯޓް ނުކުރާ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިތުރު ބިދޭސީ ސޭޓުން ގައުމަށް ފޮނުވާނުލެވި ލަސްވަމުން ދަނީ އެމީހުންގެ ޕާސްޕޯޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.
ބިދޭސީ ސޭޓުންގެ ގޮތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި 34 ބިދޭސީން ވެސް ފޮނުވާލަން ވަނީ ނިންމާފަ އެވެ.
މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބިދޭސީން ސޭޓުންގެ ގޮތުގައި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ނުބޭއްތިއްބުމަށް ތަކުރާރުކޮށް އަންނަނީ އަންގަމުންނެވެ. ނަމަވެސް އަދިވެސް ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގަޔާއި ފިހާރަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ސޭޓުންގެ ގޮތުގައި ތިބެ އެވެ.
ކައުންޓަރުތަކުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރަމުން ދިޔަ 199 ވިޔަފާރިއެއް ފާހަގަ ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.