20 Mar 2011, 17:00
މާލޭގައި މަރާމާރީތައް އިތުރުވަމުން ދިއުމާ ގުޅިގެންނާއި އަދި އަހުސަން ބަޝީރުގެ މަރުގެ މައްސަލަ އާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގަން ފެށި އޮޕަރޭޝަންގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލިކިލޭގެފާނުމަގު ޓްރެފިކް ލައިޓް ކައިރީގައި 3:30 ހާކަންހާއިރު ހިންގި މާރާމާރީގައި މަރުވި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު (ބަކްސީ) 21 އަހަރުގެ މަރުގެ ހާދިސާ އާ ގުޅިގެން ބުރާސްފަތި ދުވަހު ފުލުހުން ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުން މިއަދު ބުނީ މިހާތަނަށް މަގުމަތީގައި ގްރޫޕް ހަދައިގެން އުޅުނު 50 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލައި އަދި ބައެއް މީހުން ކޯޓުން މުއްދަތު އިތުރު ކުރުމަށް ފަހު ހައްޔަރުގައި ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ކުދިން ވެސް ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެ ކުދިން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދޫކޮށްލި އެންމެން ވެސް ދޫކޮށްލީ ޝަރުތު ކުރުމަށް ފަހު ކަމަށެވެ. އެގޮތުން މާލެ ތެރޭގައި ގްރޫޕް ހަދައިގެން ނޫޅުމަށާއި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ނަމަ ހައްޔަރު ކުރާނެ ކަމަށް ޝަރުތު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް، 20، ފިލައިގެން އުޅޭތީ އޭނާ ހޯދުމަށް ފުލުހުން އިއްޔެ އިއުލާން ކޮށްފަ އެވެ.
ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ ކަރަށާއި ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި މީގެ ތިން ދުވަސް ކުރިން ފުލުހުން ހޯދަން ފެށި މާރާމާރީ އާއި ކުށުގެ ރެކޯޑް އޮންނަ ޝަހުމް ވަނީ ފުލުހުން އޭނާ ހޯދަން ފެށުމުން ފިލާފަ އެވެ.
ނަމަވެސް ފުލުހުން އެދުވަހު ބުނެފައި ވަނީ ޝަހުމް "ފެނިއްޖެ ނަމަ ކުރިމަތިނުލުމަށާއި އޭނާއަކީ އެއަށް ވުރެ މާ ނުރައްކާތެރި މީހެއް" ކަމަށެވެ.