ކައުންޓަރުތަކުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރުމާއި ގަޑިޔަށް ބަންދު ނުކުރާ 144 ވިޔަފާރިއެއް ޖޫރިމަނާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ، އެ މިނިސްޓްރީން މިހާތަނަށް މާލޭގެ 1104 ވިޔަފާރިއެއް ޗެކްކުރި އިރު އޭގެ ތެރެއިން 199 ތަނެއްގެ ކައުންޓަރުގައި ބިދޭސީން ތިބިކަމަށެވެ. އަދި 23 ފިހާރައެއް ވަގުތަށް ބަންދު ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ. އޭގެ ތެރެއިން 144 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.

އާންމުކޮށް އެގަވައިދާ ޚިލާފްވާ ފިހާރަތައް 2000 ރުފިޔާއިން ޖޫރިމަނާކޮށް އެކަން ރަނގަޅު ކުރުމަށް އަންގައެވެ.

ސައި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ޗެކްކުރާތީ ދުވާލު ވަގުތުތަކުގައި ދިވެހި ސޭޓުން އަދި ރޭގަނޑު ވަގުތު ތަކުގައި ބިދޭސީ ސޭޓުން ބައިތިއްބަން ވަނީ ފަށާފައެވެ.

ތައުފީގް ވިދާޅުވީ، އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީ އިން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށެއެވެ.

މާލޭގެ ފިހާރަތައް އެކި ދުވަހުގެ މަތިން ބަލައި ފާސް ކުރަމުންދާ އިރު އަތޮޅު ތެރޭ ފިހާރަތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އާދަމް ވިދާޅުވި އެވެ.