އިގްތިސާދީގޮތުން ރާއްޖެ އެންމެ ބޮޑަށް މިނިވަންވީ މިއަހަރު ކަމަށް އިކޮނޮމިކް ފްރީޑޮމް އިންޑެކްސް (އީއެފްއައި) އިން ދައްކައިފި އެވެ.

ހެރިޓޭޖް ފައުންޑޭޝަނާއި ދަ ވޯލް ސްޓްރީޓް ޖާނަލް ގުޅިގެން ކޮންމެ އަހަރަކުވެސް ހަދާ އިކޮނޮމިކް ފްރީޑޮމް އިންޑެކްސްގައި ރާއްޖެ ހިމެނިފައި ވަނީ 134 ވަނައިގަ އެވެ. އެ އިންޑެކްސް ހަދާފައިވަނީ 186 ގައުމެއްގެ އިގްތިސާދީ މިނިވަން ކަމަށް ބަލައިލައިގެންނެވެ. މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ 145 ވަނައިގަ އެވެ.

ރާއްޖޭގެ އިގްތިސާދީ މިނިވަން ކަމުގެ ސްކޯއެއް ކަމަށް އިކޮނޮމިކް އިންޑެކްސްގައި ބުނެފައި ވަނީ 53.4 ކެވެ. އެއީ އެހެން އަހަރުތަކާއި އަޅައިބަލާއިރު 2.4 ގެ ކުރިއެރުމެއް ކަމަށް ވަނީ ބުނެފަ އެވެ.

ދިހަ އިގްތިސާދީ މިނިވަންކަމެއްގެ ތެރެއިން ރާއްޖެ ކުރިއެރުން ހޯދާފައިވާ ކަންކަމަކީ އިންވެސްޓް ކުރުމުގެ މިނިވަން ކަމާއި ފައިސާގެ މިނިވަން ކަމުގެ އިތުރުން ތަކެތީގެ ހައްގުގެ މިނިވަންކަން ކަމަށްވެސް އިންޑެކްސްގައި ވަނީ ބަޔާންކޮށްފަ އެވެ.

އޭޝިއާ ބައްރުގެ 42 ގައުމުގެ ތެރެއިން އިގްތިސާދީ މިނިވަން ކަމުގެ ލިސްޓުން ރާއްޖެއަށް ލިބިފައި ވަނީ 28 ވަނަ އެވެ. މި ބައްރުން އިގްތިސާދީ މިނިވަން ކަމުގެ އެންމެ ކުރީގައި އުޅެނީ ވެނުއަޓޫ އާއި އަޒަރުބައިޖާން އެވެ.

އޭޝިއާ ބައްރުގެ އެންމެ ބޮޑު އެއްގައުމު ކަމަށްވާ އިންޑިއާ ހިމެނެނީ އެ ލިސްޓުގެ 26 ވަނައިގަ އެވެ.

ރާއްޖެއަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް އިގްތިސާދު ބިނާކޮށްފައިވާ ގައުމެއްކަން ފާހަގަކޮށް އެ ރިޕޯޓުގައި ބުނެފައި ވަނީ އިގްތިސާދީގޮތުން އިތުރު ލެވަލަކަށް ދިއުމަށް އަދިވެސް ގިނަ މަަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.