16 Sep 2015, 11:14
ލޯކަލް ގަވަމަންމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރިއަށްއޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އާ ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.
އެލްޖީއޭ އޮފީހުގައި މިއަދު ފެށި އެ ބައްދަލުވުމަކީ އެލްޖީއޭ އިން 2016 އާ 2020 އާ ދެމެދު އެ އޮތޯރިޓީގެ މަސައްކަތްތަކާއި އޮނިގަނޑު ބައްޓަން ކުރުމާ ބެހޭގޮތުން ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެލްޖީއޭގެ ކުރިއަށްއޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އާ ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ރައީސް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ
ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ރައީސް އުމަރު ނަސީރު ވިދާޅުވީ، މިއަދު ކުރިއަށްދާ ބައްދަލުވުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން 15 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
"ސަރުކާރުގެ އެކި މުއައްސަސާތަކުގެ ފަރާތްތަކުން މިއަދުގެ ވޯކްޝޮޕުގައި ބައިވެރި ވާނެ. އެ މުއައްސަސާތަކުގެ ފަރާތުން އެލްޖީއޭގެ ހިދުމަތް ރަނގަޅު ކުރުމާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާ ކުރާނެ،" އުމަރު ވިދާޅުވިއެވެ.
އެގޮތުން އެ އޮތޯރިޓީގެ ސްޓްރެޓީޖިކް ޕްލޭންގައި ރަނގަޅު ކުރެވިދާނެ ކަންތަކުގެ މައްޗަށްވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.