16 Sep 2015, 10:04
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހްމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުން ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ، ހަނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިން 19 ޖުލައި 2012 ވަނަ އަހަރު އެވެ.
އެ މައްސަލައިގެ އަޑު އެހުންތައް މީގެ ކުރިން ވެސް ނިންމާލާފައިވާ އިރު މިއަދު އިތުރު އަޑުއެހުމެއް ބާއްވާފައި ވަނީ އެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލުއައުމާ ގުޅިގެންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވެސް އަދި ހަނާގެ ފަރާތުން ވެސް އިތުރުކަމެއް ސާފު ކުރަން ނެތް ކަމަށް ބުނުމުން އިސް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ދެން އޮއްނާނީ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑު އެހުމުގައި ދައުލަތަށް ވެސް އަދި ހަނާއަށް ވެސް ވަނީ ހުލާސާ ބަޔާން އިއްވަން ފުރުސަތުދީފަ އެެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހަނާ ހާޒިރުވެފައި ވަނީ އެހެންދުވަސްތަކާ ހިލާފަށް ބުރުގާ އަޅައިގެންނެވެ. މީގެ ކުރިން ހަނާ ހުންނަނީ ބުރުގާ އަޅައިގެނެއް ނޫނެވެ.
އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުޖާއު އުސްމާނު އާއި ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމް އެވެ.
ހަނާގެ އިތުރުން އެމައްސަލާގައި މެރުމަށް ހުކުމްކޮށްފައިވާ އޭނާގެ ލޯބިވެރިޔާ މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.