20 Mar 2011, 16:37
އޯކިޑްގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭ ހަދީޖާ އަހުމަދާއި އޭނާގެ ދަރިފުޅު އިއުތިޝާމް އާދަމް މަރުވީ ގޭގެ ބަދިގޭގައި ރޯވި އަލިފާން ގަޑު މުޅި ގެއަށް ފެތުރި، ދެ މީހުން ވެސް ކޮޓަރީގައި ބަންދުވެގެން ކަމަށް ދޮންސިއްތިގެ އާއިލާ އާއި އެމްއެންޑީއެފުން ބުނެފި އެވެ.
މިއަދު ހެނދުނު 9:20 އެހާކަންހާ އިރު ހިނގި އަލިފާން ކޮންޓްރޯލްކޮށް، ކޮޓަރިއެއްގެ ތެރޭގައި ބަންދުވެ، ފިހިގެން މަރުވި އުމުރުން 73 އަހަރުގެ ހަދީޖާ އަހުމަދު، 73، [ހާޖީއެދުރުގޭ ދޮންސިއްތި] އާއި އޭނާގެ ދަރިފުޅު އިއުތިޝާމް އާދަމް،28، (އަންދު) ހަށިގަނޑުގެ 80 އިންސައްތަ ފިހިފައިވާ ކަމަށް ސަން އަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް މީޑިއާއަކަށް ނުދެ އެވެ.
ވެލާނާގޭ އޮފީސް އިމާރާތުގެ ކުރިމަތީގައި ހުންނަ އޯކިޑްގޭގައި މިއަދު އަލިފާން ރޯވި ވަގުތު އެގޭގައި ތިބީ ތިން މީހުން ކަމަށާއި އެއީ ދޮންސިއްތި އާއި އަންދުގެ އިތުރުން ބިދޭސީ އަންހެނެއް ކަމަށް ދޮންސިއްތި އާއިލާ އިން ބުންޏެވެ. އެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ސަން އަށް މައުލުމާތު ދެމުން ބުނީ އޯކިޑްގޭގައި އަލިފާން ރޯވި ވަގުތު އެގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރީގެ ތެރޭގައި ތިބި ތިން މީހުންގެ ތެރެއިން އިންޑިއާ އަންހެން މީހާ ސަލާމަތްވީ، ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ޖެހިގެން ހުރި ހ. ބުޗާގެއާގެ ފުރާޅުމައްޗަށް ފުންމާލައިގެން ކަމަށެވެ.
އޭނާ އަށް އެއްވެސް ވަރަކަށް އަނިޔާއެއް ނުވެ އެވެ.
އެގެއިން އެ ދެމައިންގެ ހަށިގަނޑު ނެރެވުނީ، އެ ހާދިސާ ހިނގިތާ ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޯޑިކްގޭގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލައާ ގުޅިގެން އިތުރު މީހަކު ގެނެސްގެން ތަހުގީކުގައި ސުވާލު ކުރިންކަން އަދި ޔަގީކޮށްދެވެން ނެތް ކަމަށެވެ.
އެ ހާދިސާގައި މަރުވި ދޮންސިއްތި އަކީ ޖެންޑާ މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ފާތުމާތު އާފިޔާ އާއި އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބު އިރުތިޝާމް އާދަމާއި ޑރ. އިކްލީލު މަންމަ އެވެ. އަދި އަންދުއަކީ އެމީހުންގެ ކޮއްކޮ އެވެ.
އޯކިޑްގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ހުރި އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ އިރު އޯޑިކްގެއާ އިންވެގެން ހުރި ސަލާތައި ރެސްޓޯރެންޓަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށް، ގެއްލުންތަކެއް ލިބިފަ އެވެ.