މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގެ އަތޮޅެއްގައި ޗައިނާ އިން ތިން ވަނަ އެއާޕޯޓެއް ހަދަން ފަށާފައިވާ ކަމަށް ބެލެވިއްޖެ އެވެ.

ސީއެންއެން އިން މިއަދު ބުނީ އެގޮތަށް ބެލެވުނީ އެމެރިކާގެ ދިރާސާކުރާ އިދާރާއެއް ކަމަށްވާ ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތައް ދިރާސާކުރުމުން ކަމަށެވެ. އެ ޖެންސީން އަދި ބުނީ އެއާޕޯޓެއް ހަދަމުން އަންނަ ކަމަށް ފެންނަ ފޮޓޯ ލިބިފައި ވަނީ އެ ސަރަހައްދުގައި ކުރަމުން އަންނަ ބިން ހިއްކުމުގެ މަސައްކަތް ހުއްޓައިލާނެ ކަމަށް މި މަހުގެ އަށް ވަނަ ދުވަހު ޗައިނާ އިން ބުނިފަހުން ކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން އިތުރު އެއާޕޯޓެއް ހަދަން ފަށާފައިވާ ކަމަށް ބެލެވިފައި މިވަނީ އެގައުމުގެ ރައީސް ޒީޖިންޕިން އަންނަ ހަފުތާގައި އެމެރިކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނިކޮށެވެ.

ދެކުނު ޗައިނާކަނޑުގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާއާ ދެމެދު ބޮޑެތި ޒުވާބުތަކެއް ކުރިން ހިނގާފައިވެ އެވެ.