މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު 10 މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މުއަދު ބުންޏެވެ. އަދި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ކޯޓު އަމުރުގެ ދަށުން އެ ތިން ގެއަށް ވަދެ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ގެތައް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ސެލޯފިންކޮޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓާއި ބޮޑު ދެ ބްލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން ވެސް އެގެތަކުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ދެ ކައްޓާއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.