16 Sep 2015, 09:33
މައްކާގެ މާތްވެގެންވާ ހަރަމްފުޅުގެ ވަށައިގެންނާއި ހައްޖުވެރީން ޒިޔާރަތްކުރާ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 5000 "ހައި ރިޒޮލިއުޝަން ސަވައިލެންސް ކެމެރާ" ހަރުކޮފި އެވެ.
ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޭޖެންސީއާ ހަވާލާދީ ސައުދީ ގެޒެޓުން ބުނީ، ހަރަމްފުޅުގެ ވަށައިގެން ހައްޖުވެރިން ހަރަކާތްތެރިވާ ހުރިހާ ސަރަހައްދެއް ބެލެހެއްޓޭ ގޮތަށް އަދިވެސް އިތުރު 4000 ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށެވެ.
"މިއިން ކޮންމެ ކެމެރާއަކުން 60 ކިލޯ މީޓަރުގެ ސަރަހައްދެއް ކެޕްޗާ ކުރެވޭނެ،" އެ ހުރިހާ ކެމެރާއަކީ ވެސް މުޅިން އަލަށް ހަރުކޮށްފައިވާ ކެމެރާތަކެއް ކަން ފާހަގަކުރައްވަމުން ހަރަމްފުޅުގެ ސެކިއުރިޓީ ޑިރެކްޓަރު މޭޖާ ޖެނެރަލް މުހައްމަދު އަލް-ކުލެވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަލަށް ހަރުކުރި ކެމެރާތަކުގެ އެހީގައި ކޮންޓްރޯލް ރޫމްގައި ތިބެގެން ހަރަމްފުޅުގެ ވަށައިގެންވާ ސަރަހައްދާއި އަދި އެއަށް ވުރެ ދުރުން ވެސް ހައްޖުވެރީން އަޅުކަމުގައި ހަރަކާތްތެރިވާ ބޮޑު ސަރަހައްދެއް ބެލެހެއްޓޭނެ ކަަމަށެވެ.
"އަޅުގަނޑުމެންގެ ޕްލޭންގައި ހިމެނިފައި ވަނީ މުސްތަގުބަލުގައި މުޅި ޖުމުލަ 9000 ކެމެރާ ހަރުކުރަން،" ހަރަމްފުޅު އަދި ވެސް އިތުރަށް ބޮޑުކުރަން ހަމަޖެހިފައިވާ އިރު އެ މިސްކިތަށް އިތުރުކުރެވޭ ސަރަހައްދުގެ ވެސް ސަލާމަތީކަންކަން ބެލެހެއްޓޭ ވަރަށް ކެމެރާ ހަރުކުރަން ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އަލް-ކުލެވީ ވިދާޅުވި އެވެ.
"ހައްޖުވެރީންނަށް ހިދުމަތްކުރުމުގައާއި އެފަރާތްތަކުގެ ރައްކާތެރިކަން ބަލަހައްޓާން ސެކިއުރިޓީ ޑައިރެކްޓަރޭޓްގެ އޮފިސަރުން އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދާނެ،" އޭނާ ވިދާޅުވި އެވެ. "ތިން ދަންފަޅިއަކަށް ބަހާލައިގެން ދުވާލަކު 24 ގަޑިއިރު އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ."
މޭޖާ ޖެނެރަލް މުހައްމަދު އަލް-ކުލެވީ އިތުރަށް ވިދާޅުވި، ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި އެންމެހާ ފަރާތްތަކަށް އަމާންކަމާއި ހިތްހަމަޖެހުމާ އެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދިނުމަށް ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހުރިހާ ސެކިއުރިޓީ ޑައިރެކްޓަރޭޓުން ގުޅިގެން މަސައްކަތްކުރާނޭ ކަމަށެވެ.