ޕިޔޮންގްޔަންގް (ސެޕްޓެމްބަރު 16): މީގެކުރިން ހުއްޓާލާފައިވާ ނިއުކްލިއާ ހުރިހާ މަރުކަޒުތަކެއް ގެ މަސައްކަތްތައް އަލުން ފަށަން ގަސްދުކުރާކަން އުތުރުކޮރެއާއިން ހާމަކޮށްފި އެވެ.

އުތުރުކޮރެއާގެ ސެންޓްރަލް ނޫސްއެޖެންސީން ބުނީ އެގައުމާއި ބައިނަލްއަގްވާމީ މުޖްތަމައާއެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މަސައްކަތް ހުއްޓާލާފައިވާ ނިއުކްލިއަ މަރުކަޒުތަކުގެ މަސައްކަތްތައް އަލުން ފަށަން ނިންމާފައިވާކަމަށާއި މިކަމަށްޓަކައި އެ މަރުކަޒުތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމުގައެވެ.

އުތުރުކޮރެއާގެ މީޑިޔާއިން މިހެން ބުނެފައިމިވަނީ އެގައުމުގެ ދިފާއުގައި ނިއުކްލިއަ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެމެރިކާއާ އަދި ހުޅަނގާ ދެކޮޅަށް އެކަން ކުރާނެކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފައިވަނިކޮށެވެ.

މި އިންޒާރުގައި އުތުރު ކޮރެއާއިން ބުނެފައިވަނީ ނިއުކްލިއަ ވޯހެޑް ހަރުކޮށްފައިވާ ސްޓްރެޓީޖިކް މިސައިލް އުތުރުކޮރެޔާގައި އެބަހުރިކަމަށާއި އަދި އެގައުމާ ދެކޮޅަށް ހަނގުރާމައިގެ ބިރު ދައްކާ އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކާ ދެކޮޅަށް އެ މިސައިލުން ހަމަލާދިނުމަށް ފަސްނުޖެހޭނެ ކަމުގައެވެ.

އުތުރުކޮރެއާއަކީ ތިން ފަހަރެއްގެ މަތިން ނިއުކްލިއަ ހަތިޔާރު ޓެސްޓްކޮށްފައިވާ ގައުމެކެވެ.

ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެއާއިންވަނީ އެގައުމުގެ ޔޮންގްބިޔޮންގް ނިއުކްލިއަ މަރުކަޒުތައް އަލުން އިސްލާހްކޮށް މަރާމާތުކޮށްފައެވެ. މިއީ ނިއުކްލިއަ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޕްލޮޓޯނިޔަމް އުފައްދައި ނިއުކްލިއަ ހަތިޔާރު އުފެއްދުމަށް ބޭނުންކުރާ ފެންވަރަށް ޔޫރޭނިޔަމްވެސް ފައްކާކުރާ މަރުކަޒުތަކެކެވެ. (ނޫސްއެޖެންސީތައް)