ސާޅީސް ފަސް އަހަރާއި 27 އަހަރުގެ މުއްދަތަށް ޙުކުމް ތަންފީޒު ކުރަންޖެހޭ ދެ މީހަކު ވައްކަމުގެ މައްސަލައެއްގައި ބެދި މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ހާޒިރުކުރާ މީހުންގެ ތެރޭގައި ދިގު މުއްދަތެއްގެ ޙުކުމް ތަންފީޒުކުރަންޖެހޭ މީހުން ހިމެނެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ވައްކަމުގެ ތުހުމަތުގައި ހުކުރު ދުވަހުގެ ރޭ ހާޒިރު ކުރި ދެ މީހުން ދޫވެފައިވަނީ ކިހިނަކުންތޯ ސުވާލުކުރުމުން އެ މީހުންނަކީ ހޯމް މިނިސްޓްރީން ދޫކޮށްފައިވާ ބައެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ބުނީ ފުލުހުން ކަމެއް އެމީހުން ކަމެއް ކޯޓަކުން ނުބުނެ އެވެ.

ކޯޓުން ބުނީ ހާޒިރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ ޖޫން 5، 2003 އިން ފެށިގެން ޖެނުއަރީ19، 2010 ގެ ނިޔަލަށް ތަފާތު ފަސް މައްސަލައެއްގައި ޙުކުމްކޮށްފައިވާ މީހެއް ކަމަށެވެ. އޭގެ ތެޜޭގައި ޖަމާޢަތް ހަދައިގެން ވައްކަން ކުރުމާއި އަމުރަށް ނުކިޔަމަންތެރި ވުމާއި މަސްތުވާތަކެތީގެ ތިން މައްސަލައެއް ހިމެނެ އެވެ. އެ ހުރިހާ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޙުކުމުގެ ބަންދުގައި 45 އަހަރާއި ހަތަރު މަސްދުވަހުގެ މުއްދަތު އެމީހާ ހޭދަކުރަން ޖެހެ އެވެ.

ވައްކަމުގައި ބެދިގެން މުއަދަތު ޖަހަން ގެންދިޔަ ދެ ވަނަ މީހާގެ މައްޗަށް އޯގަސްޓް10، 1999 އިން ފެށިގެން އޯގަސްޓް13، 2009 ގެ ނިޔަލަށް ތަފާތު 10 މައްސަލައެއްގައި ޙުކުމްތައް ކޮށްފައިވެ އެވެ. އެއީ ލައިސަންސް ނުނަގާ ސައިކަލް ދުއްވުމުގެ ދެ މައްސަލައަކާއި، ވައްކަންކުރުމުގެ ފަސް މައްސަލައަކާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައަކާ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ މައްސަލައެކެވެ. އެ މީހާ 27 އަހަރާއި ހަތަރު މަސް ދުވަހުގެ މުއްދަތެއް ޙުކުމުގެ ބަންދުގައި ހޭދަކުރަން ޖެހެ އެވެ.

ކޯޓުން ބުނީ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި އެ ދެ މީހުން ވެސް ގަވާއިދުން ތަންފީޒީ އިދާރާއާއި ހަވާލުކޮށްފައިވާ ކަމަށް ރިކޯޑްތަކުން އެނގޭ ކަމަށާއި މިފަހަރުގެ މައްސަލައާ ގުޅިގެން ދެ މީހުން ޙުކުމުގެ ބަންދަށް ބަދަލުކުރަން ފުލުހުންނަށް ދެ ދުވަސް ދީފައިވާއިރު އެ މީހުން ތަންފީޒީ އިދާރާއާ ހަވާލުކުރަން ވެސް އަމުރުކޮށްފައި ވާނެ ކަމަށެވެ.