ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރި އެކިދާއިރާތަކުން މަސައްކަތްކުރުމަށް ރާއްޖޭގެ ކުޅިވަރު ޝަހްސިއްޔަތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

"ކުޅިވަރު މެނިފެސްޓޯ ޔަގީން" މިނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަކީ ކުޅިވަރުގައި ރަނގަޅަށް ހަރަކާތްތެރިވާ ބަޔަކަށްވުމުގެ އިތުރުން ޒުވާނުންނަކީ މުޖުތަމައަށް އުފާވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުޅިވަރު ކުޅުންތެރިންގެ ތެރެއިން ރޯލް މޮޑެލުންނަށް ރައްޔިތުންނާއި ޒުވާނުންގެ ކުރިއެރުމަށްޓަކައި ކުރެވޭނެ ކަންކަން މަދެއްނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމުގައި ޒުވާނުންނަކީ ކުޅިވަރު ކުޅުމާއެކީ، ކުޅިވަރުގެ ދާއިރާގައި ޕާފޯމްކޮށް ކުރިއެރުމާއެކީ އެމީހުންނަކީ މަސައްކަތްތެރިކަމުގެ ރޮނގުން މަސައްކަތްކޮށް އަދި އަޅުގަނޑުމެންގެ މުޖުތަމައުއަށް އުފާވެރިކަން ގެނެސްދޭ ބަޔަކަށް ހެދުން އަޅުގަނޑުމެންގެ ބޭނުމަކީ. މިކަހަލަ ޒުވާނުންތަކެއް އުފެދިއްޖެ ކަމުގައިވާނަމަ އެމީހުންނަކީ ރޯލްމޮޑެލުން ކަމުގައި ވެއްޖެއްޔާ އަޝްފާޤް ވިޔަސް މިތަނުން ޝާޙް އިސްމާޢީލް ކަމުގައިވީނަމަވެސް ނުވަތަ އެހެން ބޭފުޅަކު ކަމުގައިވީނަމަވެސް މިބޭފުޅުންނަށް ކުރެވޭނެ މަސައްކަތް މަދެއްނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެމަނިކުފާނު ދައްކާ ވާހަކައަށް ވުރެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާޤް ބުނާ ވަހަކަ ގަބޫލުކުރަން ފަސޭހަ ވާނެކަމަށެވެ. އެހެންކަމުން އެފަދަ ކުށްތައް ހުއްޓުވުމުމަށް މަސައްކަތް ކުރުމުގައި ރޯލް މޮޑެލެއް ވަރުބަލި ކަމެއް ނެތި ދެމިހުރެއްޖެނަމަ ނަތީޖާ ތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރު ޒުވާނުންގެ އެވޯޑްސް ބައްޓަންކޮށްފައި ވަނީ އެފަދަ ދާއިރާތަކުން މަސައްކަތް ކުރުމުގައި ދެމިތިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޒުވާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޒުވާނުންގެ އެވޯޑުގައި އެފަދަ މީހުން ހިމެނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހަމައެޔާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މަސައްކަތް ކުރާނެ އެމްބެސެޑަރުންތަކެއްވެސް ބޭނުންވާ ކަމަށާއި ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ވެސް ޒުވާނުންގެ އެވޯޑުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުން ކުށުގެ ވެށީން ދުރުކުރުމަށް މަސައްކަތްކުރާ މީހުންނާއި އެންމެ ރަނގަޅު ތަރުބިއްޔަތާއެކު އާއިލާތައް ބިނާކުރާ ޒުވާނުންނަށްވެސް ޒުވާނުންގެ އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި ހިލޭސާބަހަށް މަސައްކަތް ކުރުމުގައި އެންމެބޮޑަށް މަސައްކަތް ކުރާ ޒުވާވުންނަށްވެސް ޒުވާނުންގެ އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ މަސައްކަތްތައް ކުރާ ޒުވާނުންނަށް އެ ވޯޑު ދިނުމުގެ ބޭނުމަކީ މުޖުތަމައަކީ ޒުވާނުންނަށް ބަރޯސާވާ މުޖުތަމައަކަށް ހަދައި ޒުވާނުނަކީ މުޖުތަމައުގެ ގަދަރާއި އިޙްތިރާމް ލިބޭ ބައެއް ކަމުގައި ހެދުން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައިސް ޔާމީން ވަނީ ސަރުކާރުން އަލަށް އެޅި 30 ފުޓުސަލް ދަނޑު ރަމްޒީކޮށް ހުޅުއްވައިދެއްވައިފައެވެ.