15 Sep 2015, 23:37
މިދިޔަ ހުކުރު ދުވަހު ހަރަމްފުޅު ތެރެއަށް ކްރޭނެއް ވެއްޓި، 107 މީހަކު ނިޔާވެ، ޒަހަމުވި 236 މީހުންނަށް ފައިސާގެ އެހީ ދިނުމަށް ސައުދީ ރަސްގެފާނު ނިންމަވައިފި އެވެ.
ސައުދީ ގެޒެޓުން މިއަދު ބުނީ އެ ހާދިސާގައި އެެއްކޮށް ނުކުޅެދުނު ކޮންމެ މީހަކަށް އެެއް މިލިއަން ސައުދީ ރިޔާލު (266،666 ޑޮލަރު) ދެއްވުމަށް ސަލްމާނު ރަސްގެފާނު ނިންމަވާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ޒަހަމުވި އެ ނޫން ކޮންމެ މީހަކަށް ބައި މިލިއަން ރިޔާލު (133،333 ޑޮލަރު) ދެއްވުމަށް ވެސް ރަސްގެފާނު ނިންމަވާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ނިޔާވި ކޮންމެ މީހެއްގެ އާއިލާއަކުން ދެ މީހަކު އަންނަ އަހަރު، ރަސްގެފާނުގެ ހަރަދުގައި ހައްޖަށް ގެންދެވުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.
ކްރޭން ވެއްޓުނު ހާދިސާގައި ޒިންމާވާން ޖެހޭ އެއްް ފަރާތަކީ، ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ، ބިންލާދިން ގްރޫޕް ކަމަށް ވެސް ސައުދީ ގެޒެޓުން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކު ޖިނާއީ ކުށެއް ކުރި ކަމަކަށް ސާބިތެއް ނުވެ އެވެ. ނަމަވެސް އިހްމާލު އޮތް ކަން ވަނީ އެނގިފަ އެވެ.